ޚަބަރު

ރަސްފަންނުގައި އިތުރު ޚިދުމަތްތަކެއް ޤާއިމްކުރައްވައިފި


ރަސްފަންނުގައި އިތުރު ޚިދުމަތްތަކެއް ޤާއިމްކުރައްވައިފިއެވެ. ރަސްފަންނު ހުޅުއްވިތާ އެއްއަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރެއްވުމަށް ހައުސިންގ މިނިސްޓްރީން މިއަދު ހަވީރު ރަސްފަންނުގައި ޚާއްޞަ ޙަރަކާތަކެއް ހިންގަވާފައެވެ. މި ޙަރަކާތުގެ ތެރެއިން ރަސްފަންނުގައި އިތުރު ޚިދުމަތްތަކެއް ޤާއިމްކުރައްވައި، އެކަން އިފްތިތާޙު ކުރައްވާފައިވެއެވެ.

މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރައްވާފައިވާ ރަސްފަންނު ހުޅުއްވާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައެވެ. މިތަނަކީ ރައްޔިތުންގެ އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރައްވައި، ރައްޔިތުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ބޮޑު މައިޒާނެއްގެ ގޮތުގައި ހެދިފައިވާ ހިތްގައިމު ސަރަޙައްދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މޫދަށްއެރި އުޅޭނެ ސަރަޙައްދަކާއެކު، އައުޓްޑޯ ޖިމަކާއި، އަދިވެސް އިތުރު ޚިދުމަތްތައް މިތަނުގައި ޤާއިމްކުރައްވާފައިވެއެވެ.  

ރަސްފަންނު ހުޅުވިތާ އެއްއަހަރު ފުރިގެން، އެކަން ފާހަގަކުރެއްވުމަށް ހިންގެވި ޙަރަކާތުގައި އަނެއްކާވެސް މި ވަނީ އެތަނުގައި އިތުރު ޚިދުމަތްތަކެއް ފަށްޓަވާފައެވެ. ރަސްފަންނުގައި އަލަށް ޤާއިމްކުރައްވައި އިފްތިތާޙްކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، މޫދުކުޅިވަރުގެ ވަޞަލަތްތަކާއި، އުނދޯލިގޭގެ އިތުރުން ޓަކް ޝޮޕް ނުވަތަ ގާޑިޔާ ފިހާރަ ހިމެނެއެވެ. ރަސްފަންނަށް ޒިޔާރާތްކުރައްވައި މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފުރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.  

ރަސްފަންނު ތަރައްޤީކުރެއްވިތާ އެއްއަހަރު ވީއިރުވެސް ފޫހިކަމެއް ނެތި އެތަނުގެ ބޭނުން ގިނަ ބަޔަކު ހިފަމުންދާކަން މިނިސްޓަރ މުޢިއްޒު ފާހަގަކުރައްވައެވެ. މިނިސްޓަރ ވިދާޅުވީ ރަސްފަންނުގެ މަޝްރޫޢަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގެވި މަޝްރޫޢެއް ކަމަށެވެ. މިއީ ރައްޔިތުންގެ އިޙްސާސްތަކާއި އެއްގޮތަށް ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައިސް ޔާމީންގެ މެނިފެސްޓޯގައިވާ އެންމެ މުހިއްމު އެއްކަމަކީ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށް ހިތްހަމަޖައްސާލާނެ މައިޒާންތައް ޤާއިމުކޮށްދެއްވުން. އެގޮތުން ރަސްފަންނު ހިމެނިފައިވަނީ މިފަދަ މުހިއްމު މަޝްރޫޢުގެ ދަށުން ކުރެވުނު ކަމަކަށް، އިތުރު ވަސީލަތްތައް ޤާއިމް ކުރެވުމުން ރައްޔިތުންނަށް އިތުރު ޚިދުމަތް މިތަނުން ލިބިގެންދާނެ" ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރަސްފަންނުގައި ޤާއިމުކުރައްވާފައިވާ މޫދުކުޅިވަރު ކުޅުމުގެ ވަޞީލަތަކާއި، އުނދޯލިގެ ޤާއިމްކުރައްވާފައިވަނީ އެސްޓީއޯގެ އެހީގައެވެ. އަދި ގާޑިޔާ ފިހާރަ ހެދުމަށް އެހީ ދީފައިވަނީ އެމްޓީސީސީން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް ފެށްޓެވި ޚިދުމަތްތަކާއެކު، ސަރުކާރުގެ އަމާޒަކީ، ރަސްފަންނަކީ ޢާންމުންގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ޖަމާވެ، ޢާއިލީ ގުޅުންތައް ބަދަހިވެގެންދާނެފަދަ އުފާވެރި މަންޒިލެއްގެ ގޮތުގައި އެތަން ދެމެހެއްޓެވުމެވެ.