ޚަބަރު

ހިތަދޫ ހޮސްޕިޓަލުގައި ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ފަށްޓަވައިފި


އައްޑޫސިޓީ ހިތަދޫ ހޮސްޕިޓަލުގައި ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރެއް އެކުލަވާލައްވާ ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ފަށްޓަވައިފިއެވެ. މިއީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، އަމިއްލަ ޖަމްޢިއްޔާއެއް ގުޅިގެން ހިންގާ އެއްމަސްދުވަހުގެ ކެމްޕެއިނެކެވެ.

އައްޑޫސިޓީ ރިޖަނަލް ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް ފުޅާކުރެއްވުމަށް އެހޮސްޕިޓަލުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތެލިސީމިއާ ކުދިންނަށާއި، އެކިއެކި އެކްސިޑެންޓްތަކުގައި މި ހޮސްޕިޓަލަށް ގެނެވޭ ބަލިމީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރެއް ނެތުމުގެ ސަބަބުން ލޭ ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމް ގުޅިގެން ވަނީ ލޭ ހަދިޔާކުރަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ.

އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ މި ކެމްޕެއިންގައި، 500 ބްލަޑް ޑޯނަރުން ނުވަތަ ލޭ ހަދިޔާކުރަން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް އަމާޒުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާރވިސަސް ޢަބްދު ﷲ ޖަމީލް ވިދާޅުވީ، ލޭ ރައްކާކުރާނެ ހަރުދަނާ އިންތިޒާމްތަކެއް މި ހޮސްޕިޓަލްގައި ނުހުންނަ ކަމަށާއި، ނަމަވެސް މި ޙަރަކާތުގެ ދަށުން އެފަދަ އިންތިޒާމްތަކެއްވެސް ޤާއިމް ކުރައްވާފައިވާ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމްގެ ރައީސް މުޙައްމަދު އަނިލް ވިދާޅުވީ ލޭ ހަދިޔާކުރުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ވެބްސައިޓެއް ޤައިމްކޮށްފައިވާ ކަމަށާއި، މި ކެމްޕެއިންގެ ދަށުން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ސެންޓްރިފިއުޖްގެ ޚިދުމަތާއެކު ލޭ އަޅަންޖެހޭ ކުދިންނަށް ވަގުތުން މިހާރު ލޭ އެޅޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ލޭ ހަދިޔާ ކުރަން އައިސް ތިބި ބައެއް މީހުން ބުނީ ލޭ ހަދިޔާކުރާ މީހުންގެ ދަފުތަރެއް ނެތުމުން ބައެއް ދަތިތަކާ ދިމާވާ ކަމަށެވެ.

މި ކެމްޕެއިން ގެ ސަބަބުން ތެލިސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ކުރިން ދިމާވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.