ތަރައްްޤީ

އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާކުރި 2 މިސްކިތެއް ހަވާލުކޮށްފި


ރ. ހުޅުދުއްފާރާއި ލ.މާމެންދޫގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާކުރި 2 މިސްކިތް އިސްލާމިކް މިނިސްޓްރީއާ މިއަދު ޙަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިކަމާއިގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުއެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޑިރެކްޓަރ ޢަބްދުﷲ ސަލީމް ޢަބްދުއްސައްތާރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ އިޖުތިމާޢީ ކަންކަމުގައާއި ތަރައްޤީގެ ކަންކަމުގައި ޖަމްޢިއްޔާތަކުގެ އެހީތެރިކަން ލިބިގެންދާކަމުގެ ހެއްކެއްކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ އެކިއެކި ޖަމްޢިއްޔާތަކަށް ވަރަށް ބޮޑު ނަމޫނާއެއް ދައްކަވަމުން މިގެންދަވަނީ. އެހެންވީމަ މިއީ ޙަޤީގަތުގައި ޖަމްޢިއްޔާތަކަށް ވެސް ލިބެންޖެހޭނެ ހިތްވަރެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. މި ބޭފުޅުންގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން މުޖުތަމަޢުގެ ކަންކަން އިޞްލާޙުކުރުމަށްޓަކައި މުޖުތަމަޢުގައި ހުރި ކަންކަން ރަނގަޅު ކުރުމަށްޓަކައި މުޖުތަމަޢުއަށް އެއްބާރުލުން ދިނުމަށްޓަކައި ކުރަމުން ގެންދާ ރަނގަޅު މަސައްކަތްތަކެއް." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14865425369460.jpg|ލ މާމެންދޫގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާކުރި މިސްކިތް

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ އިޖުތިމާޢީ ކަންކަމުގައި އެހީތެރިކަން ދިނުމަކީ އެފައުންޑޭޝަނަށް ޚާއްޞަ އުފަލެއް ލިބޭ ކަމެއް ކަމަށާއި، އަބަދުވެސް އެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.

13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރ. ހުޅުދުއްފާރާއި، ލ. މާމެންދޫގައި އެފައުންޑޭޝަނުން ބިނާކުރީ 504 މީހުންގެ ޖާގައިގެ 2 މިސްކިތެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނުން ރާއްޖޭގެ 7 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި މީގެތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކުރިއަށްގެންދާ މިމަސައްކަތުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށްވެސް އެފައުންޑޭޝަނުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގައިވެސް އެފައުންޑޭޝަނުން ދަނީ އެހީތެރިކަން ދެމުންނެވެ.