ޚަބަރު

އެންމެ އިސްކަމެއް ދޭނީ ހެއްކާބެހޭ ޤާނޫނެއް ފާސްކުރަން - ނިހާން


ހެއްކާބޭހޭ އައު ބިލުގެ މަސައްކަތަކީ މިއަހަރު މަޖިލީހުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެންމެ ބޮޑު އެއް މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ހެކި ބަސް ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ކަމާއިގުޅޭ ދާއިރާތަކުން ފާހަގަކުރައްވާކަމަށެވެ. އަދި ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހެކިބަސް ދިނުމަށް ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަކަން އޭނާ ފާހަގަކުރެެއްވިއެވެ.

ނިހާން ވިދާޅުވީ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހެކިބަސް ދިނުމަށް މީހުން ޖެހިލުންވަނީ ހެކިބަސް ދޭ މީހާއަށް ރައްކާތެރިކަން ލިބޭނެ ޤާނޫނީ އެއްވެސް ނިޒާމެއް ނެތުމުންކަމަށެވެ. ހެއްކާބެހޭ ޤާނޫނެއްގެ ވާހަކަ ދައްކާތާ އެތައް ދުވަހެއްވެއްޖެކަމަށާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެކަމަށް މިއަހަރުގެ ތެރޭގައި ނިމުން ގެންނަވާނެކަމަށް ނިހާން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/8144.jpg|ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު- - ފައިލް ފޮޓޯ: މަޖިލިސް

"އެކަމާ ގުޅޭ ގޮތުން {ހެކިންގެ މައްސަލާގައި} ބައެއް ކަހަލަ މައްސަލަތައް އެބަހުރި ލަސްވެފައި. ހެކިދޭ މީހާ ހެކި ދީފި ކަމަށްވާނަމަ މިހާ ކުޑަ މުޖުތަމަޢުއެއްގައި އޭނާއަށް އެކަމުން {ހެކި ދިނުމުން} އޮތް ނުރައްކާތެރި ކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ އަބަދުވެސް،" ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ހެއްކާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިޔައީ ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ. އަދި މި ބިލަކީ މިއަހަރުގެ ތެރޭގައި މަޖިލީހުން ކުރާނެ ބޮޑެތި މަސައްކަތްތަކުގެ ފެށުން ކަމަށް ނިހާން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ފަރާތުން ވަނީ ހެއްކާބެހޭ އައު ބިލެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. 

17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ސަރުކާރުން ހެއްކާބެހޭ ބިލެއް ހުށައެޅުއްވިއެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ނުނިމި ވަނިކޮށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަނީ ހަމަވެފައެވެ.