ޚަބަރު

ކައުންސިލްތަކަށް ވާދަކުރުމުގެ ޝަރުޠުތަކަށް ބަދަލު ގެންނަވައިފި


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ މީހުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއަށް އިތުރު ބައެއްކަންކަން ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. 

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ހޮޅުދޫ ދާއިރާގެ މެމްބަރ ޢަލީ މުޙައްމަދު ހުށަހެޅުއްވި އިޞްލާޙް ފާސްކުރެއްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިޞްލާޙް ފާސްކުރެއްވުމާ ދެކޮޅަށް 19 މެމްބަރަކު ވަނީ ވޯޓު ދެއްވަވާފައެވެ. 

ކޮމެޓީ މަރުޙަލާގައި އިޞްލާހު ގެންނެވި މާއްދާތަކާއި އުވާލެއްވި ނަންބަރުތައް:

* ކުޑަކުއްޖަކާއިމެދު ބަދު އަޙްލާޤީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަންފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް އިންތިޚާބުގައި ވާދަނުކުރެވޭ ކަމަށް ބުނާ ނަންބަރު އުވާލުން.

* މަސްތުވާތަކެތީގެކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއްކޮށްފައިވާނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 އަހަރު ފާއިތުވެފައިވުންކަމަށް ބަޔާންކުރައްވާފައިވާ ނަންބަރު އުވާލުން.

* 12 މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާ އިޞްލާޙް ކުރެއްވުން. 

މި މާއްދާއަށް ގެންނަވާފައިވާ އިޞްލާހުގައި މިހާރު ބުނެފައި ވަނީ ކައުންސިލަށް ކުރިމަތިލާ މީހަކީ ޖިނާޢީކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކުކަމުގައި ވެގެންނުވާނެ ކަމަށެވެ.

ކައުންސިލްތަކުގެ ޤާނޫނަށް ޢަލީ މުޙައްމަދު ހުށަހެޅުއްވި އިޞްލާޙުގައި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތަކަށްވީތާ 5 އަހަރުވެފައިވާ ބޭރު މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށެވެ. މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުގައިވަނީ ދިވެހި ރައްޔިތަކަށްވެފައިވާ އެހެންގައުމެއްގެ ރައްޔިތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމާ އެކު ރާއްޖޭގައި ދިރިއުޅެމުންދާނަމަ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާއަށް އިޞްލާޙް ހުށަހެޅުއްވިއިރު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.