ޓުއަރިޒަމް

ބަރޮސް މޯލްޑިވްސްއަށް ނުވަ އެވޯޑެއް


ބަރޮސް މޯލްޑިވްސް ރިސޯޓަށް ޓްރިޕް އެޑްވައިޒަރގެ 9 އެވޯޑެއް ލިބިއްޖެއެވެ.

އެގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ 25 ހޮޓެލްގެ ލިސްޓުގެ 14 ވަނައާއި ދުނިޔޭގެ އެންމެ ރޮމޭންޓިކް 25 ރިސޯޓުގެ ލިސްޓުގެ 22 ވަނަ ބަރޮސް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ. އަދި އޭޝިއާގެ އެންމެ މަތީ ފަންތީގެ 25 ހޮޓެލުގެ ލިސްޓުގެ 4 ވަނައާއި އޭޝިއާގެ އެންމެ ރޮމޭންޓިކް 25 ހޮޓެލުގެ ލިސްޓުގެ 6 ވަނަ ބަރޮސް މޯލްޑިވްސްއަށް ލިބިފައިވެއެވެ.

މީގެ އިތުރުން ޓްރިޕް އެޑްވައިޒަރގެ ރާއްޖޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ ލިސްޓުގެ 1 ވަނައަށް ހޮވިފައިވަނީވެސް ބަރޮސް މޯލްޑިވްސްއެވެ. އޭޝިއާ ސަރަޙައްދުގެ އެންމެ ޚިދުމަތް ރަގަޅު ހޮޓެލުގެ ލިސްޓުގެ 11 ވަނަ އަދި ރާއްޖޭގެ އެންމެ ޚިދުމަތް ރަގަޅު ހޮޓެލްތަކުގެ ލިސްޓުގެ 2 ވަނަ އަދި ރާއްޖޭގެ އެންމެ ގަދަ 10 ހޮޓެލްގެ ލިސްޓުގެ 8 ވަނަ ވަނީ ބަރޮސް މޯލްޑިވްސްއަށް ލިބިފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ރިސޯޓްތަކަށް ޓްރިޕް އެޑްވައިޒަރއިން ދޭ މި އެވޯޑްތަކަކީ، ފަތުރުވެރިން ރިސޯޓުތަކަށް ދީފައިވާ ރޭޓިންގއަށް ބެލުމަށްފަހު ދޭ އެވޯޑެކެވެ. ޓްރިޕް އެޑްވައިޒަރއަކީ، ހޮޓާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ޚިދުމަތް ފޯރުކޮށްދޭ މަޤްބޫލް ވެބްސައިޓެކެވެ.