ޚަބަރު

ސާކްގެ އެސްޖީ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި


ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން ސާކްގެ ސެކްރެޓަރީ ޖެނެރަލް އަރުޖުން ބަހާދުރު ތާޕާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު އެމަނިކުފާނު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަ ކުރައްވައި، ޝުކުރު އަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، މިހާރު އުފައްދާފައިވާ ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ ސަފްޓާ އެގްރިމަންޓްގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ޤައުމުތައް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ތަރައްޤީވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ޞަރަޙައްދުގެ ޤައުމުތަކުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަކީ މުހިންމު ކަމެކެވެ.