ޚަބަރު

ޖީއެމްއާރު މައްސަލައިގެ ރާއްޖޭގެ ލީޑް ކައުންސެލްގެ ރައީސްއާ


ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލްގެ ފަރާތުން ޖީ.އެމް.އާރު - އެމް.އޭ.އެޗް.ބީ. ކޮންސޯޓިއަމް އާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އަރބިޓްރޭޝަން މައްސަލައިގައި، ދިވެހި ސަރުކާރުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ތަމްސީލުކުރެއްވި ރާއްޖޭން ބޭރުގެ ޤާނޫނީ ޓީމްގެ ލީޑް ކައުންސެލުންގެ ގޮތުގައި ހަރަކާތްތެރިވި މައިކަލް ބްލޮކް ކިއު.ސީ. އާއި ކެނެތު ޕެރޭރާ އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި، އަރބިޓްރޭޝަން މަރުޙަލާގައި އެ ދެ ބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތަށް، ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އެޓަރނީ ޖެނަރަލް އަލްއުސްތާޛް މުޙައްމަދު އަނިލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރާއި، ޑެޕިއުޓީ އެޓަރނީ ޖެނަރަލް އަލްއުސްތާޛް އަޙުމަދު އުޝާމާއި، އެމް.އޭ.ސީ.އެލް.ގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއާއި، އެމް.އޭ.ސީ.އެލް.ގެ ބޯޑު މެމްބަރު އިބްރާހީމް މަހުފޫޒު ބައިވެރިވެވަޑައިގެންނެވިއެވެ.