ސިޔާސީ

އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުޞަތު ގިނަބަޔަކަށް ލިބެންޖެހޭ


ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްވެއްޖެނަމަ ގިނަބަޔަކަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން ވިދާޅުވެއްޖެއެވެ. 

ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޢަލީ މުޙައްމަދު ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙުގެ ފުރަތަމަ ކިޔުން އިއްވެވުމަށްފަހު، ރިޔާސަތުން ހުޅުވާލެއްވި ބަހުސް މަރުޙަލާގައި ބިލަށް ބަހުސް ކުރައްވަމުން ސަރުކާރާ ދެކޮޅު މެމްބަރުން ވަނީ އިޞްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބިލަށް ފާޑުވިދާޅުވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އިންތިޚާބެއްގައި ގިނަ ބަޔަކަށް ވާދަ ކުރުމަކީ ތާޢީދު ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އިޞްލާޙް މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ މުސްތަޤްބަލުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބިލަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމެޓީ މަރުހަލާގައި ބިލު އިތުރަށް ދިރާސާ ކުރައްވަންޖެހޭނެ ކަމަށާއި ބިލު ހުށަހަޅުއްވާފައިވާ އޮތްގޮތަށް ފާސްކުރައްވަން ދެކޮޅު ހައްދަވާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14575155893971.jpg|އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް - ފައިލް ފޮޓޯ: މަޖިލިސް

"ޤާނޫނަށް ބަދަލު ގެންނައިރު ފުންކޮށް ވިސްނާލަންޖެހޭ ކަންކަން އެބަހުރި. މިކަހަލަ ކޮންމެ ކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެވި، އެ ޤާނޫނެއްގެ ސަބަބުން ނުކުމެދާނެ އިޖްތިމާޢީ މައްސަލަތަކަށްވެސް ވިސްނަންޖެހޭ ކަންކަން،" މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާހަށް ބަހުސް ކުރައްވަމުން މަޑުއްވަރި ދާއިރާގެ މެމްބަރު މުޙައްމަދު އަމިތު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް، ހުކުމް ތަންފީޒު ކުރުމަށްފަހު ނުވަތަ ހުކުމް ތަންފީޒު ކުރުމަށްފަހު ވަކި މުއްދަތެއް ފާއިތުވެއްޖެނަމަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފުރުޞަތުތައް ޒުވާނުންނަށް ނުވަތަ ޢާންމު ރައްޔިތުންނަށް ލިބިގެން ދިއުމަކީ ޤައުމަށް ނުވަތަ އެރަށަކަށް ޚިދުމަތް ކޮށްދިނުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14585502923220.jpg|މަޑުވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަޙްމަދު މަނިކު - ފައިލް ފޮޓޯ މަޖިލިސް

"ހުކުމެއް ތަންފީޒުވުމަށްފަހުގައި 5 އަހަރު ފާއިތުވެގެން ދިއުމަކީ ވަރަށް ދިގު މުއްދަތެއް. އަޅުގަނޑުމެން މަޖިލިސް މެމްބަރުންނަށްވެސް މި ލިބެނީ 3 އަހަރު. އެހެންވީމަ މިއީ މި ޤާނޫނަށް ގެނެވޭ ވަރަށް މުހިއްމު އިޞްލާޙެއް،" މަޑުއްވަރި ދާއިރާގެ މެމްބަރު މުޙައްމަދު އަމިތު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/6547.jpg|ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު - ފައިލް ފޮޓޯ: މަޖިލިސް

ވިލިފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ ކަމުނުދާ ކަމެއް އޮވެއްޖެނަމަ ބަދަލު ކުރުމަށް ތާޢީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުށަހަޅުއްވާފައިވާ އިޞްލާހާ މެދު އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަމަށްވާނަމަ އެކަމާވެސް މަޝްވަރާ ކުރުމަށް ސަރުކާރު މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށެވެ.