ސިޔާސީ

ކައުންސިލަރުންގެ ޝަރުތުތައް ބަދަލުކުރަން ހުށަހަޅައިފި


ބާރަ މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކަށްވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙް ހުށަހަޅުއްވައިފިއެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދު ހުށަހެޅުއްވި މި އިޞްލާހުގައި ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ އިޞްލާޙްގައި ވިދާޅުވެފައި ވަނީ އެއްވެސް ޖިނާޢީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވެފައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ޙުކުމަށް ކަނޑައެޅުނު ޢަދަބު މަޢާފުކޮށްދެވުނުތާ ދެއަހަރު ފާއިތުވެފައިވާ މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށް އިޞްލާޙުގައި ވަނީ ވިދާޅުވެފައިއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙް ހުށަހެޅުއްވިއިރު މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުގައި އެއިން އެއްވެސް ކަމެއް ބަޔާން ކޮށްފައެއްނުވެއެވެ. 

ކައުންސިލްތަކުގެ ޤާނޫނަށް ޢަލީ މުޙައްމަދު ހުށަހެޅުއްވި އިޞްލާޙުގައި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތަށްވީތާ 5 އަހަރުވެފައިވާ ބޭރު މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެކަމަށެވެ. މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުގައިވަނީ ދިވެހި ރައްޔިތަކަށްވެފައިވާ އެހެންގައުމެއްގެ ރައްޔިތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމާ އެކު ރާއްޖޭގައި ދިރިއުޅެމުންދާނަމަ ކަމަށެވެ.

މި އިޞްލާޙްތަކުގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 15ވަނަ މާއްދާއާއި 28ވަނަ މާއްދާގެ އިތުރުން 44 ވަނަ މާއްދާ އުވާލުމަށްވެސް ޢަލީ މުޙައްމަދު ވަނީ ހުށަހަޅުއްވާފައެވެ. 

ލާމަރުކަޒީ ޤާނޫނުގެ 15ވަނަ މާއްދާގައި އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު 28ވަނަ މާއްދާގައި ރަށު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ވަނީ ބަޔާން ކުރައްވާފައެވެ. 44ވަނަ މާއްދާގައި ވަނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާއަށް އިޞްލާޙް ހުށަހެޅުއްވިއިރު އަންނަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.