ވިޔަފާރި

ބީއެމްއެލުގެ ޕީއޯއެސް ނެޓްވޯކު 4،000 އަށް އަރައިފި


ބޭންކް އޮފް މޯލްޑިވްސްގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކު ބޭނުންކުރާ ތަންތަނުގެ ޢަދަދު 4،000 އަށް އަރައިފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ޕީއޯއެސްގެ ޚިދުމަތް ދޭން ފަށާފައިވާ 4،000 ވަނަ ތަނަކީ އއ. ރަސްދޫ ރޯޔަލް އިން ގެސްޓް ހައުސް ކަމަށެވެ. މިކަން ފާހަގަކޮށް އެ ގެސްޓް ހައުސްގެ މެނޭޖްމަންޓަށް ބީއެމްއެލުން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، މުޙައްމަދު ޝަރީފް ވިދާޅުވީ ރަސްދޫއަށް މި ޚިދުމަތް ތަޢާރަފްވުމާއި ގުޅިގެން ވިޔަފާރިވެރިންނަށާއި އެރަށުގެ އިޤްތިޞާދަށް ކުރިއެރުން އަންނާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތައް ބަލައިގަނެއެވެ. ބީއެމްއެލުން މިހާރު ދަނީ "އަހަރެންގެ ބޭންކު" ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންދަމުންނެވެ. "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމަޢަށް ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގެ ތެރޭގައި މިމަހުގެ ކޮންމެ ދުވަހެއްގައިވެސް މުޖުތަމަޢަށް ފައިދާހުރި ހަރަކާތެއް ހިންގުމަށް ބީއެމްއެލުން ނިންމާފައިވެއެވެ. މިގޮތުން އައު ވަޞީލަތްތަކާއި، ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން މުޖުތަމަޢަށް އެހީތެރިވުމުގެ ގޮތުން ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.