ޚަބަރު

ރާއްޖެ - ސްރީލަންކާ، ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވަނީ


ދިވެހިރާއްޖެ އާއި ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ 3 ވަނަ ބައްދަލުވުން މިމަހުގެ 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށް މާލޭގައި ބާއްވަވާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވަޑައިގަންނަވާ ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމްއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވާ ސްރީލަންކާގެ ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ އެޤައުމުގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.

1984 ވަނަ އަހަރު މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން އެކުލަވާލާފައިވަނީ ދެޤައުމުގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމުގެ މަޤްޞަދުގައެވެ. މިކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިފަހަރުގެ ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައްދަލުވުމުގައި އެއްބަސްވާ ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގައި ދެޤައުމުން ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.