ޚަބަރު

މަޑުއްވަރީގައި 3 މާރާމާރީއެއް ހިނގައި، 7 މީހަކު ހައްޔަރުކޮށްފި


ރ. އަތޮޅު މަޑުއްވަރީގައި ރޭ ހިންގި 3 މާރާމާރީއަކާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މަޑުއްވަރީގައި ހިނގި މާރާމާރީގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 12:23 ހާއިރުކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 32 އަހަރާ ދެމެދުގެ ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދުގެ އެކި ވަގުތުތަކުގައި ރ. މަޑުއްވަރިންކަމަށާއި މިމީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފަޅު ރަށަކަކުންކަމަށް ފުލުހުން ވިދާޅުވެއެވެ. 

މަޑުއްވަރީގައި ހިނގި 3 މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ 22 އަހަރުގެ ޒުވާނެކެވެ. އަދި ދެވަނަ މާރާމާރީގައި 24 އަހަރުގެ ޒުވާނެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާއިރު ތިން ވަނަ މާރާމާރީގައި 34 އަހަރުގެ މީހެއްގެ ބުރަކައްޓަށް ދަގަނޑަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މާރާމާރީގައި ޒަޚަމްވި މީހުންނަށް ރ. މަޑުއްވަރީ ސިއްޙީ މަރުކަޒުން ފަރުވާދެމުންދާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރައްވަމުންނެވެ.