ތަރައްްޤީ

"ދެ ދައުރު ނިމޭއިރު ތަރައްޤީގެ އާ ޒަމާނެއް ރާއްޖެއިން ފެންނާނެ"


އިތުރު ދައުރަކަށް ރައީސް ޔާމީނަށް ފުރުޞަތު ދެއްވައިފިނަމަ ދިވެހިރާއްޖެ ވެގެންދާނީ ތަރައްޤީގެ ކުރިބޯއްޓާ ހަމައަށް ވާޞިލްވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހޯމް މިނިސްޓަރ އަޒްލީމް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލިސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އަމަން އަމާންކަން ޤާއިމުކުރެއްވުމަށް ދެއްވި އިސްކަމުގެ ސަބަބުން އެތައް ގޮތަކުން ދިވެހިރާއްޖޭގައި އިޖްތިމާޢީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރެވިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ބަޔާންކުރެއްވި، ޒުވާނުންގެ މެދުގައި އިސްލާމީ ވަޙްދަތާއި އިސްލާމީ ޙަޟާރަތާއި ދީނީ އަދި ޤައުމީ ރޫޙް އާލާކުރުމަށް ފެއްޓެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ މަސައްކަތް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ނިޒާމަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ޕްރޮގްރާމަކަށްވާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފަޚްރުވެރިކަމާއެކު ދަންނަވަންކެރޭ މިހާރު ޙާލަތު މިއޮތްގޮތުން ކުރިއަށްއޮތް ދެއަރަކާ، އަދި ކުރިއަށް އޮތް ދައުރުގައި ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ދެއްވަންޖެހޭ ހުރިހާކަމެއް ރައީސް އެބަ ކުރައްވާ، މި ދެދައުރު ނިމިގެން އަންނައިރު ދިވެހިރާއްޖެ ދިވެހިރައްޔިތުންނަށް ފެންނާނީ ދިވެހިރައްޔިތުން ދުވަހަކުވެސް އުންމީދު ނުކުރާހާ އަމާން އޮމާން ތަރައްޤީގެ ކުރިބޯއްޓާ ހަމައަށް ދެވިފަހުރި ހުރިހާ ދިމާލަކުން މުޅި ރީޖަންގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ޤައުމެއް ގޮތުގައޭ މިޤައުމު ފެނިގެންދާނީ." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޖްތިމާޢީ ނިޒާމު އެއްވެސް ފަރުދަކު ބާކީ ނުވާގޮތަށް ބައްޓަން ކުރައްވައި، ދިވެހިރާއްޖޭގެ އިޖްތިމާޢީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ނިޒާމެއްކަމުގައި ހައްދަވާފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، އިޖްތިމާޢީ ބޮޑެތި މައްސަލަތައް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެތައް ގުނައެއް މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެ ތަހުޒީބުވެއްޖެ، ރާއްޖޭގެ ޙާލަތު މިހާރު ރަންގަޅުވެއްޖެ، މިއަދު އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރަން ދަސްވެއްޖެ. މިއަދު ކޮންމެ މީހަކުވެސް (އޮދިކޮޅު ފަރާތްތަކުން ވެސް) އިންޞާފުގެ ލޮލަކުން އިންޞާފުގެ ތަރާދަކުން ކިރާލައިފިނަމަ ފެންނާނެ ރާއްޖޭގެ ޙާލަތު ބަދަލުވަމުންދާތަން." ހޯމް މިނިސްޓަރރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި، ހަމަޖެހުން ޤާއިމުކުރެއްވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ބަޔާންކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރަކީ އިޖްތިމާއީ ކަންކަން ހަރުދަނާކުރެއްވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ އަހަރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.