ދީނާއި އަޅުކަން

ޢަރަބި އިސްލާމީ ތަޢުލީމާއި، ދިވެހިން


މީލާދީން 1153 ވަނަ އަހަރު އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަމުން ދިވެހި ބިން އަލިވި ހިސާބުން ފެށިގެން ވެސް ދިވެހިންނަކީ ދީނީ ކަންކަމަށް ލޯބިކުރާ ބައެކެވެ. ރާއްޖެ ޒިޔާރަތްކުރެއްވި މުއައްރިޚުންނާއި ސައްޔާޙުންގެ ލިޔުއްވުންތަކުގައި ވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. ޢަރަބި ކަރައާއި ދުރު ހިސާބެއްގެ ޤައުމެއްކަމުން ޢަރަބި ބަހަކީ ދިވެހިންނަށް އެހާ ފަރިތަ ބަހެއް ނޫނެވެ. ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުން ޢަރަބި ބަހަކީ ދިވެހިންނަށް މުހިންމު ބަހެކެވެ.

އެހެނީ އިލާޙީ ވަޙީ ބަސްފުޅުކަމުގައިވާ ކީރިތި ޤުރުއާން ބާވާލައްވާފައި ވަނީ ޢަރަބި ބަހުންނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނަ އެނގިހުރެ ޤުރުއާން ކިޔެވުމާއި މާނަ ނޭނގި ކިޔެވުމުން ކުރެވޭ އިހުސާސް ތަފާތެވެ. މާނަ އެނގުމުން އެ ލިބޭ ހިތްހަމަޖެހުމެވެ. ހިތަށް ތަޞައްލީ ލިބޭ މިންވަރު އިތުރުވުމުވެ. ހަމައެހެންމެ ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގުމާއި ނޭގުން ވެސް ތަފާތެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެވޭ މިންވަރެވެ. ރަސޫލާ ސައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކުގެ މާނަ އެނގުމަކީ މުހިންމު ކަމެކެވެ. މަޢުލޫމާތު ތަކުން ފުރިފައިވާ ޢަރަބި ފޮތްތައް ކިޔަން އެނގުމަކީ މުސްލިމެއްގެ ޙައިސިއްޔަތުން ލިބޭނެ ހިތްހަމަޖެހުމެކެވެ.

ތަޢުލީމުގެ ހުޅުކޮޅުން ދިވެހި ދީބު އަލިކުރީ އިނގިރޭސި ބަހާއި އެހެނިހެން އެކި ޢިލްމުތަކުންނެވެ. ދިވެހި ބިމުގައި ތިބެ ތަޢުލީމު ޙާޞިލްކޮށް އެކި ޢިލްމުތަކުން ކުރި ހޯދުމުގެ ފުރުޞަތު ދިވެހި ދަރިންނަށް ދިޔައީ ލިބެމުންނެވެ. އަމިއްލަ ޤައުމުގައި ތިބެ މި ޢިލްމުތަކުން އެންމެ އުހަށް ވާޞިލްވުމުގެ ފުރުޞަތު ދިވެހި ދަރިންނަށް ވަނީ ފަހިވެފައެވެ. ނަމަވެސް އެ ޢިލްމުތަކުގެ ތެރޭގައި ޢަރަބި ތަޢުލީމެއް ނުހިމެނެއެވެ. ޢެ ޢިލްމުތައް ފުޅާކުރެވުނު ބީދައިން ޢަރަބި ތަޢުލީމު ފުޅާ ނުކުރެވުނީތީ ކަމަށް ވެސް ވެދާނެއެވެ.

ދިވެހިންނަށް އަރަބި ތަޢުލީމަކީ ކިހާ މުހިންމުކަމެއްކަން މިއަދުގެ ސަރުކާރަށް އިހުސާސް ކުރެވުމާއި އެކު މިކަމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް މިވަނީ ފަށްޓަވާފައެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ދެ ސްކޫލެއް ވަނީ ޤާއިމްކުރައްވާފައިވެއެވެ. ދެކުނުގައި ޢަރަބި މީޑީޔަމްއަށް ކިޔަވައިދެނީ އައްޑޫސީޓީ، ހިތަދޫ ނޫރާނީ ސްކޫލްގައެވެ. އަދި އުތުރުގައި ޢަރަބި މީޑީޔަމްއަށް ކިޔަވައިދެނީ ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަރުގައެވެ. މީގެ އިތުރުން މާލޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން އައި އަލްމަދަރަސަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވާފައިވެއެވެ.

އަދި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ 41 ސްކޫލެއްގައި މިހާރުވެސް ޢަރަބި ބަސް ކިޔަވައިދެއްވަމުން ގެންދަވައެވެ. ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ޤާއިމްކުރެއްވުމަކީ ވެސް މިކަމަށް ކޮށްޓެވި މަގެކެވެ.

ހަމަމިއާއި އެކު ޢަރަބި ޤައުމުތަކާއި އެކު ސަރުކާރުން ދަމަހައްޓަވާ ގާތް ގުޅުމަކީ ޢަރަބި ތަޢުލީމު ފުޅާކުރުމަށް ލިބޭ ބާރެކެވެ. އެގޮތުން ރާއްޖޭގައި ޢަރަބިބަސް އުނގަންނައިދޭ މަރުކަޒެއް ޤާއިމްކުރެއްވުމަށް މިދިޔަ އަހަރު ސަޢޫދީ ސަރުކާރުން ނިންމެވުމަކީ މިކަމުގެ ހެއްކެކެވެ. ޢަރަބި ބަސް އުނގަންނައިދިނުމަށް މިދިޔަ އަހަރު ސަތޭކަ ހާސް ފޮތް ސަޢޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ރާއްޖެއިން ތަޢުލީމު ޙާސިލްކުރާ ކުދިންނަކީ ވެސް ޢަރަބި ބަހަށް ފަރިތަ އެ ބަހަށް އަހުލުވެރި ބަޔަކަށްވުމީ ކޮންމެ ދިވެއްސެއްގެ އުއްމީދެކެވެ. އެހެންކަމުން ކުރިއަށް އޮތް މުސްތަޤްބަލާއި މެދުގައި ކުރެވޭ އުއްމީދު ބޮޑެވެ. ޤައުމުގައި ތިބެގެން އެހެނިހެން ޢިލްމު އުނގެނެވޭ މިންވަރަށް ޢަރަބި ތަޢުލީމު ވެސް ޙާޞިލްކުރެވޭނެ ފުރުޞަތު ދިވެހި ދަރީންނަށް މިދަނީ ފަހިވަމުންނެވެ. ދެން އޮތީ ހަރުފަތްތައް ޤިރާކޮށް މި ޢިލްމުގައި ވެސް ކުރިއަށް ދިއުމަށް ދަރިންނަށް ހިތްވަރު ދިނުމެވެ. ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ.