ޚަބަރު

ހުޅުމާލެއިން ބިން ގަތުމަށް 332 ފަރާތަކުން ރަޖިސްޓްރީކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިން ގަތުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 332 ފަރާތަކުން ރަޖިސްޓްރީވެފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވަނީ 101955.33 އަކަފޫޓުގެ ބިމެކެވެ. އެޗް.ޑީ.ސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ގަންނަން ހުށައެޅޭ ބިމުގެ ބޮޑުމިނަކީ 2000 އަކަފޫޓާއި 6000 އަކަފޫޓާ ދެމެދު ބިމެއްކަމުގައި ވާންޖެހޭކަމަށެވެ. 

ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 3000 ރުފިޔާކަމަށާއި، ބިޑް ސެކިއުރިޓީގެ ގޮތުގައި 2000 އަކަފޫޓަށް 300000 ރުފިޔާ އަދި އިތުރުވާ ކޮންމެ 1000 އަކަފޫޓަކަށް 100000 ރުފިޔާ ދަންކަންޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އިކުއިޒިޝަން ފީއެއްގެ ގޮތުގައި ބިމުގެ ޖުމްލަ އަގުގެ 5 އިންސައްތަ ދަންކަންޖެހެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތްތަކަށްކަމަށާއި އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށައެޅުން އޮންނާނީ މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ބާރައިގެ ކުރިންނެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ މެންދުރު އެކަކުން ފެށިގެން ތިނެއް ޖެހުމާ ހަމައަށްކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.