ޚަބަރު

އައިޑަލްގެ ސެކިއުރިޓީ ކަންކަން ފުލުހުންނާ ހަވާލުކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.   

މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ ބައިވެރިންގެ ސެކިއުރިޓީ ބެލެހެއްޓެވުމުގެ ކަންކަން ފުލުހުންނާ ޙަވާލުކުރުމުގެ ގޮތުން ސޮއިކުރި އެމްއޯޔޫގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢައިމިނަތު ޝާޔަން ޝާޙިދުއެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިމިނަތު ޝާޔަން ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ފަދަ ބޮޑު ޝޯއެއްގެ ބައިވެރިން 4 މަސް ދުވަހު އެ ކުންފުނިން ގެންގުޅެންޖެހޭ ކަމަށާއި އެހެންކަމުން އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14862975938424.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިމިނަތު ޝާޔަން ޝާހިދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"މިކުދިން ޑިސިޕްލިން ކުރުވުމަށްވެސް ފުލުހުންނާއި ގުޅިގެން މަސައްކަތް ކޮށްފިނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދޭ. އަދި އެ ކުދިން ޑިސިޕްލިންވާނެ ކަމުގެ އުއްމީދުވެސް ލިބިގެންދޭ. އައިޑަލް ނިމިގެންދާއިރު އަޅުގަނޑުމެންގެ އަމާޒަކީ އެކުދިންގެ ދިރިއުޅުމަށް ބަދަލުތަކެއް އައުން. ޑިސިޕްލިން ކުދިންތަކަކަށްވުން،" ޝާޔަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ފަދަ ބޮޑު ޝޯއެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްސަދަކީ ގިނަ ފަންނާނުންތަކެއް މުޖުތަމަޢުއަށް ނެރުން ކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ވަރަށް މުޙިއްމު މަސައްކަތެއް ކަމަށާއި، މިއުޒިކްގެ ފަންނަށް އައިޑަލްގެ ބައިވެރިން ނެރެދީ އެކުދިންގެ އަޙްލާގު ރަނގަޅު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ސަޢުދީ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14862976460411.jpg|ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"ކުރީ ފަހަރެކޭ {މޯލްޑިވިއަން ސީޒަން އެކެއް} އެއްގޮތަށް މިކުދިން {އައިޑަލްގެ ބައިވެރިން}ގެ އަޙްލާޤް ބައްޓަން ކުރުމަށްޓަކައި ތަފާތު ޓްރެއިނިންގ ޕްރޮޤްރާމްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ސަޢުދީ ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ބައިވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޕީއެސްއެމްއާއި ފުލުހުންނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެއްވިިއިރު އައިޑަލްގެ ސީޒަން އެކެއްގައިވެސް ޕީއެސްއެމްއިން ވަނީ ފުލުހުންނާއި ގުޅިގެން އައިޑަލް ސީޒަން އެކެއްގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.