ވިޔަފާރި

ސްރީލަންކާއަށް ދިޔަ ދިވެހިންގެ ޢަދަދު ދަށަށް ހިނގައްޖެ


މިއަހަރުގެ ޖެނުއަރީމަހު ސްރީލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ހުސްވި އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، %18 ދަށަށް ހިނގައްޖެއެވެ.

ސްރީލަންކާގެ ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި، ސްރީލަންކާއަށް 5600 އަށްވުރެ ގިނަ ދިވެހިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު ސްރީލަންކާއަށް ދިޔަ ދިވެހިންގެ އަދަދު އުޅެނީ 6900 އަށްވުރެ މަތީގައެވެ. ދިވެހިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރުމަށްދާ ތިންޤައުމުގެ ތެރޭގައި ހިމެނޭ ސްރީލަންކާއަށް ހުސްވި އަހަރުގެތެރޭގައި 95000 އަށްވުރެ ގިނަ ދިވެހިން ގޮސްފައިވެއެވެ.  މިއީ ދެހާސް ފަނަރަވަނަ އަހަރާ އަޅާ ބަލާއިރު، %5 އިތުރު ޢަދަދެކެވެ. އަދި ދެހާސް ސޯޅަވަނަ އަހަރު ހަވަނައަށް އެންމެ ގިނަ އަދަދަކަށް ސްރީލަންކާއަށް ގޮސްފައިވަނީ ދިވެހިން ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ޖެނުއަރީމަހު ސްރީލަންކާއަށް އެންމެ ގިނަ އަދަދަކަށް ގޮސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން އެޤައުމަށް ގޮސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ.