ވިޔަފާރި

ކުންފުނިތަކުން ކިރުވި މަހުގެ ޢަދަދު އިތުރުވެއްޖެ


މިދިޔަ އަހަރުގެ ޑިސެމްބަރުމަހު، ރާއްޖޭގެ ކުންފުނިތަކުން ކިރުވި މަހުގެ އަދަދު އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކުރައްވައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ނެރުއްވާފައިވާ ޖެނުއަރީމަހުގެ އިޤްތިޞާދީ މުރާޖަޢާ ރިޕޯޓްގައި ވިދާޅުވެފައިވަނީ، ޑިސެމްބަރުމަހު ރާއްޖޭގެ ކުންފުނިތަކުން ހަތަރުހާސް ނުވަސަތޭކަ ނުވަދިހަ މެޓްރިކްޓަނުގެ މަސް ކިރުވާފައިވާކަމަށެވެ.  

މިއީ ދެހާސް ފަނަރަވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު، ތިރީސް ދޭއް އިންސައްތައިގެ އިތުރުވުމެކެވެ.

މަހުގެ އެކްސްޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު ވަނީ އޭގެ ކުރީއަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު، %19 އިތުރުވެފައެވެ.

މަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވަނީ، ތާޒާ އަދި ފިނިކުރި ކަނޑުމަސް ނޫން، އެހެން ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު އިތުރުވުމުންނެވެ.

ރާއްޖޭގެ މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނަކަމަށް މަސް ގަންނަ ކުންފުނިތަކުން ބުނެއެވެ.