-

"ކޮތަޅުކޮއްތު"


މާލޭގެ މަގުތަކުން ފެންނަ އެއް މަންޒަރަކީ "ކޮތަޅުކޮއްތު" އުފުލާ މަންޒަރެވެ. އެމީހެއްގެ "ކޮތަޅުކޮއްތު" ހިފައިގެން އެމީހަކު ހިނގާފައި ދާ މަންޒަރުވެސް ފެނެއެވެ. ބައިސްކަލުގެ ޖާލީގަނޑުގައި ބޮޑު ވަށިގަނޑެއް ބަހައްޓައި އެއަށް އެތައް ބައެއްގެ "ކޮތަޅުކޮއްތު" އަޅައިގެން އުފުލުމަކީ ކޮންމެވެސް ބައެއްގެ ވަޒީފާވެސް މެއެވެ. ގޭގެ ދޮރާށީގައި މިފަދަ ކޮތަޅު އެލުވާލާފައި، ނޫނީ އެއްޗެއްގައި އަޅުވާލާފައި ހުއްޓާވެސް އެބަފެނެއެވެ. އެތެރެ ފެންނަ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނައިރު، ކޮއްތެވެ. ހެނދުނުގެ ނާސްތާއެވެ. ނޫނީ މެންދުރުގެ ކެއުމެވެ. ނޫނީ ރޭގަނޑުގެ ކެއުމެވެ.

މި ކޮއްތު ހުންނަނީ އެހެން އެއްޗެއްގައި ބަންދުކުރުމަކާ ނުލައި، ކޮތަޅުގެ ބޭރަށް ފެންނަހެން ޕްލާސްޓިކް ކޮތަޅަށް އަޅައި  ކޮތަޅު ބަންދުކުރުމުގެ ގޮތުން ގޮއްޖަހާފައެވެ. އޭގައި ހުންނަ އެއްޗެހީގެ ތެރޭގައި ބަތް ހިމެނެއެވެ. ޕޫރީ ހިމެނެއެވެ. ޑަލްކަރީ (ބާވަތެއްގެ މުގުރިހައެއް) ހިމެނެއެވެ. ކާޑްވެސް ހިމެނެއެވެ. ރަސަމް އާއި ސަމްބާވސް ހިމެނެއެވެ.

މިމަންޒަރު ފެންނަ ވެރިރަށް މާލެ، ނިސްބަތްވާ ރާއްޖޭގެ އަހުލުވެރިން، ދިވެހިންގެ ތެރެއިން ގިނަބަޔަކު މަތީ ތަޢުލީމު ޙާސިލްކޮށްފިއެވެ. މަތީފެންވަރަށް ތައުލީމު ޙާޞިލްކޮށްގެންތިބި މީހުން، ބައްޕައިން، މަންމައިން، ކާފައިން، މާމައިންގެ ގޮތުގައިވެސް އެބަތިއްބެވެ. ވެރިންނާއި ހިންގުންތެރިންގެ ގޮތުގައިވެސް އެބަތިއްބެވެ. ދުރު ޤައުމުތަކާއި ކައިރި ޤައުމުތަކަށް ދަތުރުކޮށް، ތަންތަނާއި ކަންކަން ދެކި، ތަހުޒީބާއި ނާތަހުޒީބު އެމީހުން ދަނެއެވެ. އަދި އެމީހުންގެ ދަރިންނާއި، މާމަ، ކާފަދަރިންނަކީ ތަހުޒީބު ބަޔަކަށް ހަދައި ތަރުބިއްޔަތުކުރަމުން ގެންދެއެވެ. މާތްގޮތާއި ނުބައިގޮތާއި ރީތިގޮތާއި ހުތުރުގޮތް ދިވެހި މުޖުތަމަޢުގެ މީހުން ވަކިކޮށް ހަދައިފިއެވެ. ޞިއްޙީގޮތުންނާއި އެނޫން ގޮތްގޮތުންވެސް ނުރައްކާތެރިގޮތާއި ރައްކާތެރިކޮށްވެސް ދިވެހިން ދަސްކޮށްފިއެވެ.

މިފަދަ ބައެއްގެ އަމިއްލަ ޤައުމުގެ ވެރިރަށް މާލޭގެ މަގުމަތީ "ކޮއްތު" ގެންގުޅުމާއި، އުފުލުމަކީ ހަމަ އެންމެ ރަނގަޅު ގޮތްކަމަށް ވެދާނެހެއްޔެވެ؟ ރައްކާތެރި ގޮތަށް ވެދާނެހެއްޔެވެ؟ އެގޮތާ ދިވެހިން ރުހެންވީހެއްޔެވެ؟ އެގޮތް ޑޮކްޓަރުންނާއި އާރުކާޓީންނަށް ކަމުދާންވީހެއްޔެވެ؟ ޓީޗަރުންނާއި އިސްރަށްވެހީންނަށްވެސް ކަމުދާންވީހެއްޔެވެ؟ އެމަންޒަރު ބޭރުގެ ޢިއްޒަތްތެރިންނަށާއި، ފަތުރުވެރިންނަށްވެސް މި ފުރަމާލެއިން ފެންނަންވީ ހެއްޔެވެ؟

img:http://s2.psmnews.mv/images/660x400/14862592625190.jpg|ކޮއްތު ކޮތަޅެއް މާލޭގެ ގެއެއްގެ ފަރުގައި އަޅުވާފައި - ޕީއެސްއެމް ފޮޓޯ: މުޙަންމަދު ވަޙީދު

ފަހަރެއްގައި މިސުވާލަށް ދިވެހިންގެ ގިނަބަޔަކު ދޭނީ "ނޫނެކޭ" ބުނުމުގެ ޖަވާބުކަމަށްވާނަމަ އެކަންކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ އެހެން ޤައުމުތަކުގައިވެސް، އެ ޤައުމުގެ ރައްވެހިން ނޫން މީހުން އުޅެއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަން އައިސް މިއުޅޭ މީހުން ނިސްބަތްވާ ޤައުމުތަކުގެ އެތައް ސަތޭކަހާސް ބަޔަކު ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އުޅެއެވެ. އެކަމަކު އެޤައުމުޔަކުގެ މަގުމަތިން، މިކަހަލަ "ކޮތަޅުކޮއްތު" ފެނޭހެއްޔެވެ؟ އެފަދަ ކާބޯތަކެތި އުފުލަނީ އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ފަދަ ކޮތަޅުގައި ހެއްޔެވެ؟ އަދި ޞިއްޙީގޮތުން ރައްކާތެރިކަން ކަށަވަރުކުރަން އުނދަގޫވާ ފަދަ އެއްޗެހީގައި މިގޮތަށް މިފަދަ ކޮއްތު އުފުލާހެއްޔެވެ؟

ޤައުމެއްގައި އުޅޭ، އެހެން ޤައުމެއްގެ މީހުން ކަންކަން ކުރާނީ އެ ދިރިއުޅޭ ޤައުމެއްގެ މީހުން ހުއްދަކުރާ ހުދޫދުގެ ތެރޭގައެވެ. ނުވަތަ ރުހުން އޮތްކަމަށް ޤަބޫލުކުރެވޭ ހުދޫދުގެ ތެރޭގައެވެ.

ދިވެހި ޤައުމުދެކެ ލޯބިވާ ދިވެހިން، މުޖުތަމަޢުގައި ހުރުން ނޭދޭ ކަމެއް، ދިވެހި މުޖުތަމަޢުގައި އެހެން ބަޔަކަށް ކުރެވޭނެކަމަށް ޤަބޫލުކުރަން ހަމަ ދަތިވާތީ މި ވާހަކަ ލިޔެވުނީތާއެވެ.