ވިޔަފާރި

ވިޔަފާރިވެރިން އެތެރެކުރާ ތަކެތި އެސްޓީއޯއިން މާކެޓްކުރަނީ


ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސްޕާމާޓަކީ އެއްތަނަކުން ހެޔޮއަގެއްގައި ގިނަ ބާވަތްތަކުގެ މުދާ ލިބޭ އާއްމުންގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މާކެޓެކެވެ. އެސްޓީއޯ ސްޕަރމާޓުގައި ލިބެން ހުންނަ ތަކެތީގެ 66 އިންސައްތައަކީ ދިވެހި ވިޔަފާރިވެރިން ރާއްޖެއެތެރެކުރާ މުދާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމިއްލަ ކުންފުނިތަކުން ރާއްޖެ އެތެރެކުރާ ބައެއް ތަކެތި އެސްޓިއޯ ފާމަސީގައިވެސް ވިއްކަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަޙީރު ވިދާޅުވީ، އެސްޓީއޯ ސްޕާމާޓުގައި ކުރިއަށްގެންދާ ޕްރޮމޯޝަންތަކުގައިވެސް، އަމިއްލަ ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރާ ތަކެތި ޕްރޮމޯޓުކުރާކަމަށެވެ. އަދި ދިވެހި އުފެއްދުންތަކަށް މާކެޓު ހޯދައިދިނުމަށްޓަކައި އެސްޓީއޯ ސްޕާމާޓުގައި ހާއްސަ ސަރަޙައްދެއް ހެދުމަށް ވިސްނާފައިވާކަމަށާއި އެކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/7731.jpg|އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު / ފައިލް ފޮޓޯ: ޕީއެސްއެމް

ޝަހީރު ވިދާޅުވީ އެސްޓީއޯގެ ފިހާރަތައް އަތޮޅުތަކުގައި ހިންގުމަށް ގިނަ ރަށްތަކަކުން އެދެމުންދިޔަނަމަވެސް އެ ކުންފުނީގެ މިހާރުގެ ވިސްނުމަކީ، އިތުރު ފިހާރަތައް ހުޅުވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިވެރިން މެދުވެރިކޮށް އެސްޓީއޯގެ މުދާ އާއްމުންނަށް ލިބޭނެ މަގު ހަމަޖެއްސެވުމެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިސްޓްރިބިއުޓަރުން އައްޔަން ކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން ބޭނުންވަނީ އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތްކުރާށެވެ. އެގޮތުން އެކުންފުނިން މިހާރުވެސް އަންނަނީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އެސްޓީއޯގެ 14 ފިހާރަ ހުރެއެވެ.