ކުޅިވަރު

ކޮމަންޑޫ ފުޓްސަލް ދަނޑު މިމަހު ނިމޭނެ - ރަށު ކައުންސިލް


ށ. ކޮމަންޑޫގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިލިއަނަކަށް ވުރެގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރައްވާ މި ފުޓްސެލް ދަނޑަކީ 145 ފޫޓް ދިގު އަދި 92 ފޫޓް ފުޅާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޝެއަރ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ށ. ކޮމަންޑޫ ކައުންސިލްގެ ނާއިބު ރައީސް ޢަލީ ޝަހީމް ވިދާޅުވީ، އެރަށުގައި އަލަށް އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ފުޓްސަލް ދަނޑު ވަށައިގެން ހަދާ ކޮށީގެ މަސައްކަތް ނިންމައި، އެތަނުގައި ކުލަލުމުގެ މަސައްކަތް ނިމިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ ދަށުން ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމާއި، ލައިޓް ޕޯސްޓްތައް ހަރުކޮށް، ޓެސްޓްކުރުމުގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ތިންވަނަ ފިޔަވަހީގައި ހިމެނޭ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށާއި، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިމަހުގެ 15 ވަނަދުވަހުގެ ނިޔަލަށް ފުޓްސަލް ދަނޑުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 1200 މީހުން ދިރިއުޅެމުން އަންނަ ށ. ކޮމަންޑޫގައި ފުޓްބޯޅަ ކުޅުމަށް ވަކި ޚާއްޞަ ދަނޑެއް މިވަގުތަކު ނެތެވެ. އެހެންކަމުން އެރަށުގައި ތަރައްޤީކުރައްވާ ފުޓްސަލް ދަނޑަކީ ރަށުގެ ޒުވާނުންގެ އުއްމީދުތަކާ ގުޅިފައިވާ، ޒުވާނުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ގެނުވާނެ ތަނެއްގެގޮތުގައި ކޮމަންޑޫ ކައުންސިލުން ސިފަކުރައްވައެވެ.