ސިއްހަތު

ކެންސަރުބަލީގެ ދުވަސް ހިރިލަންދޫގައި ފާހަގަކޮށްފި


ބައިނަލްއަޤުވާމީ ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮޅުމަޑުލު ހިރިލަންދޫ ސިއްޙީ މަރުކަޒުން އިންތިޒާމްކޮށްގެން އެރަށުގައި ތަފާތު ޙަރަކާތްތަކެއް ހިންގަވައިފިއެވެ.

ބައިނަލްއަޤްވާމީ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރު ބައްޔަށް ޢާއްމުން އިތުރަށް ހޭލުންތެރިކުރުވުމަށް ތަފާތު އެކި ހަރަކާތްތައް ހިންގެވުމަށް ރާވާފައިވާކަމަށް ހިރިލަންދޫ ސިއްޙީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ނާފިޢު ވިދާޅުވިއެވެ.

މީގެ އިތުރުން ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށުގައި ޚާއްޞަ ވޮލީ މެޗެއްވެސް ކުޅުނެވެ. މިއަހަރުގެ ކެންސަރުބަލީގެ ޝިޢާރު ކަމުގައިވާ "ކުޅިވަރުން ހިއްވަރު" މި ޝިޢާރާ ގުޅުވައިގެން ކުޅުނު ވޮލީމެޗުގައި ބައްދަލުކޮށްފައިވަނީ 30 އަހަރުންމަތީގެ ޓީމަކާއި 30 އަހަރުން ދަށުގެ ޓީމެކެވެ. މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ 30 އަހަރުން މަތީގެ ޓީމެވެ.

ހިރިލަންދޫ ސިއްޙީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ނާފިޢު ވިދާޅުވީ، މިމެޗް ކުޅެމުންދިޔަ އިރު ކެންސަރުބައްޔަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރު ބައްޔާބެހޭ ތަފާތު މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދެއްވާފައިވާކަމަށެވެ.

ކެންސަރުބަލީގެ ދުވަސް ފާހަކުރުމުގެ ގޮތުން ހިރިލަންދޫ ޞިއްޙީ މަރުކަޒުންވަނީ އަންހެނުންނަށް ޚާއްޞަކޮށްގެންވެސް ވޮލީ މެޗެއް ރާވާފައެވެ.