ޚަބަރު

އެޕޯލޯއިން ތަރައްޤީކުރާ 103 އެޕާރޓްމެންޓްގެ މަސައްކަތް ފަށަނީ


އެޕޯލޯ ހޯލްޑިންގ ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރާ 103 އެޕާރޓްމެންޓް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް 2 ހަފްތާތެރޭގައި ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ކޮންސްޓްރަކްޝަން މެނޭޖަރ މުޙައްމަދު އާދަމް ބުނީ، އެ ކުންފުނިން ޑިސެމްބަރު މަހުގެ ތެރޭގައި މޮބިލައިޒޭޝަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެޕޯލޯ ޓަވާރސް" ގެ ނަމުގައި އެޕޯލޯ ހޯލްޑިންގ ކުންފުނިން ޢިމާރާތްކުރާ އެޕާރޓްމަންޓް ކޮމްޕްލެކްސްގެ 60 އިންސައްތަ އެޕާޓްމެންޓްތައް ވިކިފައިވާ ކަމަށެވެ. މިކްސްޑް ޔޫޒް އެޕާރޓްމެންޓް ކޮމްޕެލެކްސްއެއްގެ ގޮތުގައި ތަރއްޤީކުރާ "އެޕޯލޯ ޓަވާރސް" ގެ އެޕާރޓްމެންޓްތައް ބަހާފައިވަނީ 3 ކެޓެގަރީއަކަށެވެ. އެއީ، ސެމި ޑިލަކްސް، ލަގްޒަރީ އަދި ޕެންޓްހައުސް ކެޓެގަރީއެވެ. ސެމި ޑިލަކްސް ކެޓެގަރީގައި 57 އެޕާރޓްމެންޓް، ލަގްޒަރީ ކެޓެގަރީގައި 38 އެޕާރޓްމެންޓް އަދި ޕެންޓް ހައުސް ކެޓެގަރީގައި 8 މި ޕްރޮޖެކްޓްގައި ހިމެނެއެވެ. 1 ކޮޓަރިން ފެށިގެން 3 ކޮޓަރީގެ އެޕާޓްމެންޓް ހިމެނޭ މި ކޮމްޕްލެކްސްގެ އެޕާރޓްމެންޓްގެ އަގު ހިމެނެނީ، 1 މިލިއަނުން ފެށިގެން 7.6 މިލިއަނާ ދެމެދުގެ ރޭންޖެއްގައެވެ.

ޑައުންޕޭމެންޓްގެ ގޮތުގައި އެޕާޓްމެންޓްގެ އަގުގެ 20 އިންސައްތަ ނަގާނީ ޢިމާރާތުގެ 20 އިންސައްތަ މަސައްކަތް ނިމުމުން ކަމަށް އެކުންފުނިން ބުނެއެވެ. 2 ޓަވަރެއްގެ މައްޗަށް އެކުލެވޭ އެޕޯލޯ ޓަވާރސް 2018 ވަނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މިތަން ތަރައްޤީ ކުރުމަށް އެޕޯލޯ ހޯލްޑިންސްއާ ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.