ރިޕޯޓް

ޓެކްނޮލޮޖީގެ މިޒަމާނުގައި ގަލަމާއި، ނޯޓު ފޮތުގެ ދައުރު ބޮޑު!


ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިޒަމާނުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެންމެ ގާތް އެކުވެރިއަކަށް މިހާރު ވަނީ، އަތުގައި އޮންނަ ފޯނު، އައިޕެޑް ފަދަ ވަޞީލަތްތަކެވެ. މޮޅު ފޯނެއް އަތުގައި އޮވެއްޖެނަމަ ދެން އިތުރު އެހެން އެއްޗެއްގެ ބޭނުމެއް ނެތޭ ހީވާ ފަދަ މަންޒަރުވެސް އަޅުގަނޑުމެންގެ ތެރެއިން ދަނީ ފެންނަމުންނެވެ.

އެހެންނަމަވެސް ޓެކްނޮލޮޖީގެ ގޮތުން އަޅުގަނޑުމެން ކިތަންމެ ކުރިއަރައި ދިޔަނަމަވެސް، އެންމެ ކުރީ ޒަމާނުއްސުރެ، އަޅުގަނޑުމެން ބޭނުންކުރަމުންދާ ބައެއް ވަޞީލަތްތައް އެގޮތުގައި މުހިއްމުކަންމަތީ ދެމިހުރިކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. އޭގެ އެއް މިސާލަކީ، ނޯޓު ފޮތުގައި ގަލަމުން ނުވަތަ ފަންސޫރުން މުހިއްމު ކަންކަން ނޯޓުކޮށްލުމުގެ އާދަ މަޑުމަޑުން މިހާރު އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްވަމުން އަންނަކަމެވެ. img:http://s3.psmnews.mv/images/660x400/14862016815863.jpg|

ސޯޝަލް މީޑިޔާއަށް ނަޒަރު ހިންގާލުމުންވެސް، މުހިއްމު ނޯޓުތައް ނެގުމާއި، މުހިއްމު އަމާޒުތައް ފާހަގަކުރުމަށް ކަރުދާހާއި ގަލަމާއި ފަންސުރުގެ ބޭނުން ހިފާ މަންޒަރު މިހާރު ފެންނަން އެބަހުއްޓެވެ. މަސައްކަތުގެ މާހައުލުގައި އުޅޭއިރުގައާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައާއި، ކަސްރަތުކުރުން ފަދަ ޙަރަކާތްތަކުގައި އުޅޭއިރު ވަކި އަމާޒަކަށް ވާޞިލުވުމަށްޓަކައި ތައްޔާރުކުރާ ނޯޓުތައް ގަލަމާއި، ފަންސޫރުން ލިޔެ، ކުރަހާލުމަކީ މިހާރު ވަަރަށް ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ.

ޑިޖިޓަލް މިޒަމާނުގައި ގަލަމާއި ކަރުދާހުގެ ފަނޑުވުމެއް ނެތް ދައުރަށް ހެކިދޭ  ދިރާސާތަކެއްވެސް ހެދިފައި އެބަހުއްޓެވެ. ޕްރިންސްޓަން ޔުނިވަސިޓީއާއި، ކެލިފޯނިއާ ޔުނިވަސިޓީން 2014ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކީބޯޑަށްވުރެ، ގަލަމާއި ފަންސޫރުގެ ބޭނުންތެރިކަން މާބޮޑެވެ. އެގޮތުން އަމިއްލަ ޚިޔާލުން ޖަވާބުދޭންޖެހޭ ސުވާލުތަކަށް ޖަވާބުދިނުމުގައި، އަތުން ލިޔެގެން ނޯޓު ނަގާ ދަރިވަރުންނަށްވުރެ، ލެޕްޓޮޕްގައި ނޯޓު ނަގާ ދަރިވަރުންގެ ފެންވަރު ދަށްކަމަށް މިދިރާސާއިން ހާމަވެއެވެ. ގަލަން ނުވަތަ ފަންސޫރު ބޭނުންކޮށްގެން އަތުން ލިޔެގެން ނޯޓުކުރާ ދަރިވަރުންނަށް މާ ފުރިހަމައަށް މަޢުލޫމާތުތައް ދޭހަވާ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ. img:http://s2.psmnews.mv/images/660x400/14862014657033.jpg|އެޕަލްގެ ޑިވައިސްތަކާއެކު ބޭނުންކުރެވޭ ނޯޓްފޮތެއް: މިފޮތުގައި ލިޔެވުމާއެކު ސިންކް ކުރާ ޑިވައިސްއަކުން އެ ލިޔުން ފެންނަން ހުރޭ - ފޮޓޯ: އެޕަލް ވެބްސައިޓް

ނޯޓު ފޮތުގައި ގަލަމަކުން ނުވަތަ ފަންސޫރަކުން ނޯޓުކޮށްލާ، ނުވަތަ ކުރަހާލާ ކުރެހުންތަކަކީ، ސްމާރޓް ފޯނާއި، އައިޕެޑްގެ ވަޞީލަތްތަކުގައި އެކަމަށް ޚާއްޞަ އެޕްލިކޭޝަންތައްވެސް ހުރި ކަންކަމެވެ. އެހެންނަމަވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޑިޖިޓަލް މިޒަމާނުގައި، ކަންކަން ކުރުމަށް ފަސޭހަ މަގުތަކާއި ވަޞީލަތްތައް އެތައް ގުނައަކަށް އިތުރުވެފައިވާއިރު، އާދައިގެ ގަލަމާއި ފަންސޫރާއި، ކަރުދާހުގެ ބޭނުން މުހިއްމުވެފައި، އެތަކެތީގެ ބޭނުން ހިފަމުންދާ މީހުން އިތުރުވަމުންދާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަކުރެވެނީ އަތުގައި ގެންގުޅޭ ނޯޓު ފޮތަކީ، ފޯނާއި އައިޕެޑް ފަދައިން ބެޓެރީ ހުސްވާނެ އެއްޗެއް ނޫންކަމެވެ. މީގެއިތުރުން ކުރަމުންދާ މަސައްކަތުގެ މެދުތެރެއިން ސްކްރީން ހުއްޓުމާއި، އޮޅިގެން އެއްޗެއް ފޮހެލެވުމާއި، އަދި ފޯނު ރިންގުވުމާއި، އިރުއިރު ކޮޅުން އަންނަ ސޯޝަލް މީޑިއާ އެލާރޓްތަކަކީ، ކުރަމުން އަންނަ މަސައްކަތް މެދުކަނޑުވާލާ ކަންކަމެވެ. އަދި ނޯޓު ފޮތުގައި ފަސޭހަ ކަމާއެކު އެއްޗެއް ކުރަހާލެވުނު ނަމަވެސް، ފޯނާއި ޓެބްލެޓްގައި އެއްޗެއް ކުރަހާލުމަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. img:http://s1.psmnews.mv/images/660x400/14862010350882.jpg|މަސައްކަތުގެ މާހައުލުގައި ވައިޓްބޯޑުގެ ބޭނުން ހިފުން

މިސަބަބުތަކާއި ގުޅިގެން އެވަޞީލަތްތައް ބޭނުންކޮށްގެން މުހިއްމު ކަންކަން ނޯޓު ކުރުމުގައި ބައެއް ފަހަރު ދަތިތަކާއި ކުރިމަތިވެއެވެ. އެހެންނަމަވެސް ނޯޓު ފޮތާއި ގަލަމާއި ފަންސޫރުގެ ބޭނުން ހިފާ މީހުންނަށް ހަމަޖެހިލައިގެން ތިބެ، އެހެން ކަމެއްގެ އުނދަގުލެއް ނެތި އަމިއްލަ ވިސްނުން ކަރުދާހަށް ތިރިކުރަން ފަސޭހަކަމަށާއި، އަދި އެއްޗެއް އަތުން ފޮތުގައި ލިޔެލުމަކީ މީހާގެ އުފެއްދުންތެރިކަން ދައްކުވައިދޭ ކަމަކަށްވާއިރު، ޓެކްނޮލޮޖީގެ ވަޞީލަތްތައް ފަރުމާކޮށްފައި ހުންނަނީ މީހާ އަމިއްލައަށް މާބޮޑު ވިސްނުންތެރިކަމެއް ނުދިނަސް ކަންކަން ފުރިހަމަވާ ގޮތަށް ކަމުން އެވަޞީލަތްތައް ބޭނުންކޮށްގެން މިއުފެއްދުންތެރިކަން ނެރެވުން ދުރުކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލުތަކުގައި ވައިޓްބޯޑު ބޭނުންކޮށްގެން މަސައްކަތްކުރާ ކަމަށާއި، އެގޮތުން އުފެއްދުންތެރިކަމާއެކު ނަތީޖާ ނެރުމަށް މަސައްކަތްކުރާ ތަންތަނުގެ ތެރެއިން 80 އިންސައްތައަކީ ވައިޓްބޯޑު ބޭނުންކޮށްގެން މަޝްވަރާކޮށް ނަތީޖާ ނެރޭ ތަންތަންކަން މާހިރުން ފާޙަގަކުރެއެވެ.