ކުޅިވަރު

ފްރޭންކް ލަމްޕާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


ކާމިޔާބު އަހަރުތަކަކަށްފަހު ފްރޭންކް ލަމްޕާޑް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ލަމްޕާޑް ކުޅުން ހުއްޓާލިކަން އިޢުލާންކުރީ ސޯޝަލް މީޑިއާގައި އިއްޔައެވެ. 

38 އަހަރުގެ ކުޅުންތެރިޔާ ބުނީ މިއަހަރުވެސް ގިނަ ކްލަބްތަކަކުން އޭނާއަށް ރަނގަޅު ހުށަހެޅުންތަކެއް ލިބުނު ކަމަށާއި، ނަމަވެސް މިއީ ކުޅުން ހުއްޓާލަންވީ އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

"ރަނގަޅު ހުށަހެޅުންތަކެއް ލިބުނު. އެކަމަކު މިއީ ކަންނޭނގެ ކުޅުން ހުއްޓާލައި އަނެއް ޗެޕްޓާ ފަށަންވީ ވަގުތު" ލަމްޕާޑް ބުންޏެވެ.

ޗެލްސީއަށް ގިނަ ކާމިޔާބީތަކެއް ހޯދަދިފައިވާ ލަމްޕާޑް މިދިޔަ ސީޒަން ހޭދަކުރީ އެމެރިކާގެ ނިއުޔޯކް ސިޓީ ފުޓްބޯޅަ ކްލަބްގައެވެ. އޭގެ ކުރިން މެންޗެސްޓަރ ސިޓީއަށް އެއްސީޒަނުގައި ލަމްޕާޑް ކުޅެދިނެވެ.

 ޗެލްސީގެ ޖާޒީގައި ލަމްޕާޑް 649 މެޗު ކުޅުނުއިރު އޭނާ ވަނީ ޗެލްސީއަށް 11 ތައްޓެއް ހޯދަދީފައެވެ. އޭގެ ތެރޭގައި 3 ފަހަރު ޕްރިމިއަރ ލީގު، 4 އެފްއޭކަޕް، 2ލީގު ކަޕް، އަދި ޔޫރަޕާ ލީގާ ޗެމްޕިއަންސް ލީގު ހިމެނެއެވެ. 2001ވަނަ އަހަރު ޗެލްސީއާ ގުޅުނު ލަމްޕާޑް ވަނީ އެކްލަބަށް 211 ގޯލް ޖަހާދީފައެވެ. 

ޗެލްސީގެ ޖާޒީގައި ފެނުނު އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ލަމްޕާޑް ހިމެނުނުއިރު ކުޅުން ހުއްޓާލުމަށްފަހު އޭނާ ކޯޗިންގެ ދާއިރާއިން ފެނުމަކީ ކައިރިކަމެއްކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލްކުރެއެވެ.