ތަރައްްޤީ

ރައްޖެއާއި ޖަޕާނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވަވައިފި


ދިވެހިރާއްޖޭގެ ފޮރިން ސެކެއްޓަރީ ޑރ. ޢަލީ ނަސީރު ޖަޕާނުގެ ޕާލިމެންޓްރީ ވައިސް މިނިސްޓަރާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށްގެންދަވައިފިއެވެ.

ފޮރިން ސެކެއްޓަރީ ޑރ. ޢަލީ ނަސީރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ޕާލިމެންޓްރީ ވައިސް މިނިސްޓަރ ކިޔޯޝީ އޮޑަވާރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދުމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި 50 އަހަރުވީ މި ގުޅުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެކި ރޮނގު ރޮނގުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ވައިސް މިނިސްޓަރ ދެއްކެވި ވާޙަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެއްވިއެވެ. އަދި ޖަޕާނުގެ ކޮމިޔުނިކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްއާވެސް ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގައި އިންޓަރގްރޭޓެޑް ޑިޖިޓަލް ބޮރޯޑްކާސްޓިންގ ޓެރެސްޓީރިއަލް ސިސްޓަމެއް ޤާއިމުކުރެއްވުމަށް ޖަޕާނުގެ ކޮމިޔުނިކޭޝަން މިނިސްޓްރީން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ފޮރިން ސެކެއްޓަރީ ޑރ. އަލީ ނަސީރުވަނީޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވަނީ 14 ނޮވެމްބަރު 1967 ގައެވެ.