ޚަބަރު

"ކޯޓްތަކުގެ ޙުރުމަތް ކަނޑާނަމަ ފިޔަވަޅު އަޅާނެ!"


ފަނޑިޔާރުންނާއި ކޯޓްތަކުގެ ޙުރުމަތާއި ކަރާމާތަށް އުނިކަން އަންނަގޮތަށް ޢަމަލުރާ ފަރާތްތަކާމެދު ޝަރުޢީ ކޯޓްތަކުން ފިޔަވަޅު އަޅުއްވާނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަކީ ޤާނޫނީގޮތުން، އެތަންތަނުގެ ޙުރުމަތާ ކަރާމާތް ރައްކާތެރި ކުރައްވާފައިވާ ތަންކަމަށް ކޯޓްތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ކޯޓުގެ ޙުރުމަތް ކެނޑޭ ޢަމަލުތައްކުގެ ތެރޭގައި، ޢަދުލު އިންސާފުގެ ދާއިރާއާމެދު ނުބައި ތަޞައްވުރެއް ދެއްކުމަށް މަސައްކަތް ކުރުމާއި، ޝަރީޢަތްތަކަށް ހުރަސްއެޅުމާއި، ކޯޓަކުން އަންގަވާ އެންގެވުމަކާ ޚިލާފުވާގޮތަށް ޢަމަލު ކުރުމާއި، ޢަދުލު އިންސާފު ޤާއިމުކުރެއްވުމަށް ދަތިކުރުމާއި، ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ޤަދަރާ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން ހިމެނެއެވެ.

ޝަރުޢީ ކޯޓެއްހެ ނުވަތަ ފަނޑިޔާރެއްގެ ޙުރުމަތް ކަނޑައި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް އުނިކަން އަންނަގޮތަށް އެކި ވާހަކަތައް ފަތުރާ ފަރާތްތަކާމެދު، އެއްވެސް އިސްތިސްނާއެއްނެތި ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށް ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގެންދަވަނީ ތަކުރާރުކޮށް އަންގަވަމުންނެވެ.

ޝަރުޢީ ކޯޓްތަކުން ނިންމަވާ ނިންމެވުންތަކަކީ ޝަރީޢަތްތުގެ މަޖިލީހުގައި ދެޚަސްމުން ހުށައަޅާ ހުށައެޅުންތަކުގެ މައްޗަށް ބިނާކޮށް ނިންމަވާ ނިންމެވުންތަކެކެވެ.

ސިޔާސީ ބޭނުންތަކާއި، އަމިއްލަ ބޭނުންތަކަށްޓަކައި ކޯޓްތަކާއި ފަނޑިޔާރުންގެ ޙުރުމަތް ކަނޑޭގޮތަށް ސާބިތުނުހިފޭ ވާހަކަތައް ދައްކައި ފެތުރުމަކީ ކޯޓްތަކާބެހޭ ޤާނޫނާއި، ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެ ކުށްތަކެކެވެ. 

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ ޝަރުޢީ ނިޒާމުގެ އިތުބާރުގެއްލޭގޮތަށް އެކިފަރާތްތަކުން ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކަކީ މުޅި ރާއްޖޭގެ ޖިނާޢީ، މަދަނީ އަދި ދުސްތޫރީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

"ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރަން މިޖެހެނީ ޤާނޫނުގެ ޙުރުމަތަށްޓަކައި، ކޯޓްތަކަކީ ޤާނޫނު ނަގަހައްޓަން މަސައްކަތްކުރާ އެންމެ މުހިންމު ފަރާތް. އެއީ ޤާނޫނުގެބަސް، އެންމެ ފަހުބަސް އިއްވާ ފަރާތަކީ ކޯޓްތައް، ފަނޑިޔާރުން. އެހެންވީމަ ހަޤީޤަތުގައި ކޯޓުތަކުން ކުރާ ކޮންމެ ޙުކުމަކީ ކޮންމެ އަމުރަކީ ޤާނޫނުން ކުރާ އަމުރު. އެއަމުރަށް ކުރަންޖެހޭ އިޙްތިރާމް ގެއްލިއްޖެކަމަށް ވަންޏާ، އެއަމުރުގެ ޙުރުމަތް ކެނޑިއްޖެކަމަށްވަންޏާ އެހާހިސާބުން ޤާނޫނުގެ ޙުރުމަތް ކެނޑުނީ.،" މާޖިދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ގެންދަވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރައްވަމުނެވެ. އެގޮތުން ޝަރުޢީ ކޯޓްތަކުގެ ނިންމެވުންތަކަށް ބާރު ފޯރާގޮތަށް ދައުލަތުގެ އެހެނިހެންބާރުތަކާއި، ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާނަމަ ވެސް އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސުޕްރީމްކޯޓުން ވަނީ އަންގަވާފައެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތަރަހައިގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ޝަރުޢީ ކޯޓްތަކުން އަޅުއްވަމުން ގެންދަވާނެކަމަށް ވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ޝަރުޢީ ކޯޓެއްގެ ޙުރުމަތާއި ކަރާމާތަށް އުނިކަން އަންނަފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ސަތޭކަހާސް ރުފިޔާއާހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދަށް ސުޕްރީމްކޯޓުން ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ބަދަލު ގެންނަވާފައެވެ.