ޚަބަރު

ލ.އަތޮޅުގައި އާލާކުރާ ހުއިފިލަނޑާ މިއަހަރު ވިއްކަން ފަށާނެ


ލ.އަތޮޅު ދަނބިދުއާއި ކަލައިދޫގައި ބޮޑުކުރަމުންދާ ހުއިފިލަނޑާތައް މިއަހަރު ފަހުކޮޅު ބޭރުގެ ޤައުމުތަކަށް ވިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެންގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިހާރު ތިރީސް ކޮށީގައި މިމަސައްކަތް ކުރަމުންދާއިރު، އިތުރު ކޮށިތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވި. 

ލ.އަތޮޅު ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ޤާއިމްކުރައްވައި، ތަރައްޤީކުރެއްވުމުގެ މަގުފަހި ކުރެއްވުމުގެ މަޤްސަދުގައި ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭފައި ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި މަސައްކަތް ކުރިއަށްގެންދަވަނީ، އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިވަޑައިގެން 5 އަހަރު ދުވަހުގެ މައްދަތަށް ހިންގަވާ " މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ. ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ލ.ދަނބިދުއާއި ކަލައިދޫން ވަނީ ޖުމްލަ 30 މީހުން ކަނޑައަޅުއްވާ، އެފަރާތްތަކަށް ލޯނު ހަމަޖައްސަވާ ދެއްވާފައެވެ. އަދި މިމަސައްކަތަށް ބޭނުންވާ ކޮށްޓާއި، ކުދިހުއިފިލަނޑާ ފޯރުވައިދެއްވާ، މިމަސައްކަތްކުރުމަށް ބޭނުންވާ ތަމްރީންވެސް ވަނީ ދެއްވާފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، ހުއިފިލަނޑާ ދިރުވާ ބޮޑުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި، ހުއިފިލަނޑާ އާލާކުރުމަށް އިތުރު ހަތްދިހަ ކޮށި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުގެ ކާމިޔާބަށް ބެލުމަށްފަހު ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ތަރައްޤީވެ، އެތައް ބަޔަކަށް ވަޒީފާ ލިބި އާމްދަނީ ލިބޭނެ މަގުފަހިވެގެންދާނެކަމަށްވެސް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.