ދީނާއި އަޅުކަން

ހުކުރު ޚުޠުބާގެ މުހިންމުކަން އެނގޭތަ؟


ހަފުތާގެ 7 ދުވަހުގެ ތެރެއިން އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެދުވަހުކުރެވޭ ހުކުރު ނަމާދާއި އެނަމާދުގައި ދެވޭ ޚުޠުބާގެ މާތްކަމުގެ ވާހަކައަކީ ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހޭ މުހިންމު ކަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ވެެސް ގިނަބަޔަކު ހުކުރަށްދާން، ޚާއްސަ ސަމާލުކަމެއް ދެއެވެ. ހުކުރު ނަމާދަށް ދާމީހުންނާއެކު މިސްކިތްތައް ފުރި ބާރުވެ މަގުމަތީގައިވެސް މީހުން ނަމާދުކުރެއެވެ.

އެހެންނަމަވެސް ހުކުރު ޚުތުބާއަށް ދޭންޖެހޭ ސަމާލުކަން ދެނީ މީގެތެރެއިން ކިތައް މީހުންތޯ ސުވާލުއުފެދެއެވެ. ވީހާވެސް އަވަހަށް ވަގުތުގެ ކުރީކޮޅު ހުކުރަށް ދިއުމާއި، އެންމެލަސްވެގެންވެސް ހުކުރު ޚުތުބާ ނިމުމުގެ ކުރިން މިސްކިތަށް ހާޒިރުވުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ޚާއްސަކޮށް ޒުވާނުންގެ ތެރެއިން މިކަމަށް މިކަމަށް ސަމާލުކަންދެނީ ކިތައްމީހުންބާއެވެ؟

"ولذكر الله أكبر" އަށް ނުވަތަ ހުކުރު ޚުޠުބާގެ އެންމެ ފަހު ޖުމުލަ ކިޔާލާ އިރު، ކިރިޔާ މިކިސްތާ ހަމައަށް ދެވޭ ވަރަށް ގިނަ ޒުވާނުން ހުކުރަންދާ މަންޒަރު ޢާއްމުކޮށް ފެނެއެވެ.

އެހެންނަމަވެސް ހުކުރުދުވަހު ހުކުރު ވަގުތުގެ އެންމެ ކުރީކޮޅު މިސްކިތަށް އެރުމާއި، މިސްކުތުގެ ކުރީސަފުން ޖާގަހޯދަން މަސައްކަތްކުރުމާއި، ހުކުރު ޚުޠުބާ އަޑުއެހުމުގެ މުހިންމުކަމާއި، އެއިން ލިބޭ ދަރުމައާއި ޘަވާބު އެނގި އެކަން އިޙްސާސްކުރެވޭނަމަ މިއީ އެއްވެސް މީހަކު ދޫކޮށްލާނެ ފުރުޞަތެއް ނޫންކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މިއަދުގެ މުޖުތަމަޢަށް ބަލާއިރު، ހުކުރު ޚުޠުބާއާމެދު ފަރުވާކުޑަކުރާ މީހުން ވަރަށްގިނައެވެ. ބައެއްމީހުންނަށް ތަންކޮޅެއް ކުރިން މިސްކިތަށް ދެވުނަސް ޚުތުބާއަށް ސަމާލުކަންނުދީ ތިބޭ ތިބުމަކީ ހިތާމަހުރިކަމެވެ. އިމާމު، ޚުޠުބާ ދެއްވާއިރު، ޚުޠުބާގެ އަޑު އެހުމުގެ ބަދަލުގައި ފޯނާ ކުޅެން އުޅޭ މަންޒަރަކީ މިހާރުގެ މުޖުތަމަޢުން ފެންނަމުންދާ ޢާއްމު މަންޒަރެކެވެ.

މިކަމާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު އައްޝައިޚު ޢިއްޒުއްދީން އަދުނާނު ވިދާޅުވީ މިސްކިތަށް ގޮސް ބޭކާރު ވާހަކަ ދެއްކުމާއި އެކަކު އަނެކަކަށް އުނދަގޫވާގޮތަށް މީހުންގެ ކުރިކަނޑާފައި ނުވަތަ ނަމާދަށްތިބޭ މީހުންގެ ކުރިމަތިން ދިއުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

" ބައެއްފަހަރު އަޅުގަނޑުމެންގެ ވަރަށް ގިނަ ޒުވާންކުދިން މިސްކިތަށް ހުކުރުދުވަހު ނަމާދުކުރަން އަންނަނީ ލަހުން. ލަހުން އައިސް މިސްކިތުގެ ބޭރުގައި ނޫނިއްޔާ މިސްކިތުގެ އެތެރޭގައި ތިބޭއިރު، ފޯނާ ކުޅުމާއި، ވާހަކަދެއްކުމާއި، ޚުޠުބާ އަޑު ނާހައި އެހެން ބޭޚާރު ކަންކަން ކުރުންފަދަ ކަންކަން ފެނޭ. މީހަކު ވާހަކަދައްކަނިކޮށް އޭނަ ހުއްޓުވުމަށްޓަކައި ހަމަ އެކަންކައް ކުރުމަކީވެސް (ނުވަތަ ހަމަހިމޭންވުމަށް އެހެންމީހުންނަށް ބުނެދިނުމުގެގޮތުން ވިޔަސް ވާހަކަދެއްކުމަކީވެސް) ހުއްދަވެގެންވާކަމެއް ނޫން.،" ޢިއްޒުއްދީން އަދުނާނު ވިދާޅުވިއެވެ.

ހުކުރު ޚުޠުބާއަކީ އުދުވަސްވަރަކު މުޖުތަމަޢަށް ކުރިމަތިވާ، މަސްއަލަތަކާއި، އެކަންކަން ޙައްލުކުރުމުގައި ޢަމަލުކުރާނެ ކަންކަމާ ބެހޭގޮތުން، ދީނީގޮތުން ކަންތައްތައް އޮޅުންފިލުވައިދިނުމަށް ދެވޭ ދަރުސެކެވެ.  އެއީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން ހުކުރު ޚުޠުބާއިން ލިބޭ ފައިދާއާއި ލާބަ އަޅުގަނޑުމެން ލިބިގަންނަން ޖެހެއެވެ.