ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިންގޒޯން ހަދަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެއްގަމު އުޅަނދު ޕާކްކުރާނެ ޚާއްޞަ ސަރަޙައްދުތަކެއް ހައްދަވަން ސަރުކާރުން ފަށްޓަވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުޖްތަމައުގައި ދިރިއުޅޭ އެހެނިހެން ފަރުދުންނަށް ހުރި ފުރުޞަތުތަކުގެ ފަރަގު ނައްތާލައްވައި އެފަދަ މީހުންނަނީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެންމެނަށް ހަމަހަމަކަން ލިބިދެއްވުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖްތަމައަށް ނެރުއްވައި، އެފަދަ ފަރުދުންނަށް ބޭނުންވާ މުހިންމު ކަންކަން ފަހިކޮށްދެއްވައި، މުޖުތަމަޢުގައި އެމީހުންނަށް އެކަށީގެންވާ ދައުރެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ކުރައްވައިގެން ޚާއްޞަ ޕާކިން ޒޯންތަކެއް ހެއްދެވުމުގެ މަސައްކަތަކީ ސަރުކާރުގެ މިފަދަ މަސައްކަތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ފެއްޓެވި ކަމެކެވެ.

ފުރަތަ ޕާކިންގ ޒޯން ހައްދަވަނީ ބުރުޒު މަގުގައި ދިރިއުޅޭ މިފަދަ މީހަކަށް ޚާއްޞަކޮށްގެންނެވެ. ހައުސިންގ މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން އޭނާއަށް މިއަދު ވަނީ އޭނާ ދިރިއުޅުއްވާ ގޭގެ ކައިރިން ޕާކިން ޒޯނެއް ކަނޑައަޅުއްވާފައެވެ. img:http://s2.psmnews.mv/images/660x400/14860485746426.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިންގޒޯން ހަދަނީ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ޕީއެސްއެމްއާ ވާހަކަދައްކަވަމުން، މި ޕާކިން ޒޯން ޚާއްޞަކުރެވުނު އަޙްމަދު ފާއިޒް ބުނީ މީގެ ކުރިން، އޭނާގެ ވެހިކަލް ޕާކްކުރާނެ ޖާގައެއް ނުލިބި، އެކަމުގެ ތަކްލީފް އުފުލަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިފެށްޓެވި މަސައްކަތާއެކު ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށް ޤަބޫލުކުރާ ކަމަށް ފާއިޒު ބުންޏެވެ.

"ބައެއްފަހަރު މިހެން ތިން ހަތަރު ބުރު ޖަހަން ޖެހޭ ޕާކް ކުރާނެ ޖާގައެއް ނުލިބިގެން. ބައެއްފަހަރު ރައްޓެހިންގެ އެހީގައި އެހެން ސައިކަލްތައް ދުރުކޮށްގެން ޖާގަހަދަނީ، ދެން މީހަކު ނެތިއްޔާ ނުވެފަ އޮންނަނީ. ބައެއް ދުވަސް ދުވަހު ވާރެޔާވެސް ތެމެން އެބަ ޕާކްކުރާނެ ޖާގައެއް ނުލިބިގެން. އެހެންނަމަވެސް ސަރުކާރުން މި ފެށްޓެވި މަސައްކަތާއެކު ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ" އަހުމަދު ފާއިޒު ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި ފަރުދީގޮތުން މަސައްކަތްކުރާ ބޭފުޅެއްކަމަށްވާ އަޙްމަދު ހިޝާން ވިދާޅުވީ މިއީ ޑިމޮކްރަސީއެއްގައި ފެންނަ ރިވެތި މަންޒަރެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިކަމުގެ ސަބަބުން މުޖްތަމަޢުގައި ހަމަހަމަކަން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށްގެން ކުރައްވާ މަސައްކަތްތައް. މިއީ ޑިމޮކްރަސީގެ ރީތި މަންޒަރަކީ. އެކަކު އަނެކަަކަށް އަޅާލާ އެހީތެރިވެދިނުން އެއްވެސް މީހަކު ބާކީ ނުކޮށް" ހިޝާން ވިދާޅުވިއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހީމް ފަޔާޒު ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި، ޙާއްޞަކޮށް ޢާންމު ބޭނުންތަކަށް ޚާއްޞަ ސަރަޙައްދުތަކުގައި މިފަދަ މީހުންނަށް ޕާކް ކުރެވޭނެގޮތަށް ޒޯންތައް ހައްދަވަމުން ގެންދަވާނެ ކަމަށްވެސް ފަޔާޒު ވިދާޅުވިއެވެ.

"އެމީހުންގެ ރިކުއެސްޓްގެ މަތިން އަޅުގަނޑުމެން ޒޯންތައް އެމީހަކު ދިރިއުޅޭ ގެއެއްގެ ކައިރީގައި ހަދާނަން. އަދި ރިކުއެސްޓް ނުކުރިއަސް މުހިންމު ތަންތަނުގައި ޕާކިންގ ޒޯންތައް ހަދަމުން ގެންދާނަން. އެމީހުން ދާ އޮފީސް ކައިރީގަޔާއި ޕަބްލިކް ތަންތާގައި" ފަޔާޒު ވިދާޅުވިއެވެ.

މީގެ އިތުރަށް މަޖީދީ މަގު އަލުން ތަރައްޤީ ކުރައްވަމުން ގެންދަވާއިރުވެސް އެ މަގުގައިވެސް، ފުރޮޅުލީ ގޮނޑިތަކުގައި އުޅޭ މީހުން ދުވާރަށް އަރާފައިބަން ފަސޭހަވާގޮތަށް ދުވާރު ވަނީ ފަރުމާ ކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކަށް ވަދެނިކުމެވާން ފަސޭހަވާނެ އިންތިޒާމްތައްވެސް ގެންދަވަނީ ހަމަޖައްސަވަމުންނެވެ.