ވިޔަފާރި

"އީޒް އޮފް ޑުއިން ބިޒްނަސް" ރޭކިންގް


ސަރުކާރުގެ އަމާޒަކީ "އީޒް އޮފް ޑުއިން ބިޒްނަސް" ރޭކިންގެ އެންމެ ކުރީގައި ހިމެނޭ ފަންސާސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުއްވުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި ސަރަޙައްދުގެ ޤައުމުތަކާއި އެކު ރާއްޖެއިން ކުރާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރު ކުރެއްވުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ސައުތު އޭޝިއާ ސަބް ރީޖަނަލް އިކޮނޮމިކް ކޯރޕަރޭޝަން، ސަސެކް އާއި ރާއްޖޭގެ ކަމާއިގުޅުން ހުރި ފަރާތްތަކާއި އެކު ބާއްވަވާ ބައްދަލުވުން ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިޔަފާރިތައް ހިންގުމަށް ފަސޭހަ މާހައުލެއް އޮންނަ ވަރު ވަޒަންކުރާ ވަރލްޑް ބޭންކްގެ އިންޑެކްސް، "އީޒް އޮފް ޑްއިން ބިޒްނަސް"ގައި ރާއްޖޭގެ މިހާރުގެ ރޭންކިންއަކީ 135 ވަނައިގައެވެ. "އީޒް އޮފް ޑްއިން ބިޒްނަސް" ރޭންކިންގަކީ ވިޔަފާރިތައް ހިންގަން ފަސޭހަވާނެ 10 ކަމެއްގެ މައްޗަށް ބަލާ، 189 ޤައުމެއްގެ އިޤްތިޞާދު ދިރާސާކުރުމަށް ފަހު ވަރލްޑް ބޭންކުން އެކުލަވާލާ އިންޑެކްސްއެކެވެ.

ނޭޝަނަލް ކޮންސަލްޓޭޝަން އޮން ދަ ސަސެކް ސަނިޓަރީ، ފައިޓޯސަކިޓަރީ އެންޑް ޓެކްނިކަލް ބެރިއާސް ޓު ޓްރޭޑް ޑައިގްނިސްޓިކް ސްޓަޑީގެ ނަމުގައި ބާއްވަވާ ބައްދަލުވުން ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެގައި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމު ކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެގޮތުން ޑުއިން ބިޒްނަސް ރޭންކިންގައި ރާއްޖޭގެ ރޭންކިންގ އެންމެ ކުރީގައި ހިމެނޭ 50 ޤައުމުގެ ތެރޭގައި ހިމެނުއްވުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށްޓަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ރައީސުލްޖުމްހުރިއްޔާ ވަނީ ނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީއެއް އުފައްދަވާފައި، ވޯލްޑް ބޭންކު ޑޮއިިންގ ބިޒްނަސް ރޭންކިންގައި ރާއްޖެ މަތިކުރުމަށްޓަކައި، އަޅުގަނޑުމެންގެ ވިޝަން އަކީ ޑޮއިންގ ބިޒްނަސް ރޭންކިންގެ އެންމެ ޓޮޕް 50 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔުން،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓު ޞާލިހް ޙުސައިން ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖެއިން އެކި ޤައުމުތަކަށް މުދާ ބޭރުކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވިގެންދާނެ ކަމަށެވެ. އަދި ސަސެކްގެ މި ސްޓަޑީގެ ސަބަބުން މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމުގައި ހުރި ދަތިތައް ދެނެގަނެވިގެންދާނެ ކަމަށްވެސް ޞާލިހް ވިދާޅުވިއެވެ.

ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯރޕަރޭޝަން، ސަސެކްގައި ހިމެނޭ ޤައުމުތަކަކީ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއެވެ. މި ބައްދަލްވުންތައް ސަސެކްގައި ހިމެނޭ ހުރިހާ ޤައުމެއްގައި ބާއްވާނެއެވެ.