ކުޅިވަރު

އަހަންނަށް އޮންނަނީ ވަކި ޤަވާއިދެއް - މޮރީނިއޯ


އިނގިރޭސި ޕްރިމިއަރ ލީގުގެ އެހެން ކޯޗުންނާއި ޚިލާފަށް އޭނާ އަމަލުކުރަން ޖެހެނީ ވަކި ޤަވާއިދެއްގެ ދަށުންކަމަށްބުނެ، މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗް ޚޯސޭ މޮރީނިއޯ އިނގިރޭސި އެފްއޭއަށް ފާޑުކިޔައިފިއެވެ. 

ރޭ ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ހަލްސިޓީ އަތުން މޮޅު ނުވެވުނު މެޗަށްފަހު މޮރީނިއޯ ވަނީ ރެފްރީންނާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޤަވާއިދުތަކަށް ފާޑުކިޔާފައެވެ. 

މޮރީނިއޯ ބުނީ އޭނާ ބެންޗުގައި ހުރެ ކަމަކާއި ހިތްހަމަ ނުޖެހިއްޖެނަމަ ދަނޑުން ފޮނުވާލުން އާންމުވެފައިވާކަމަށާއި، އެހެން ކޯޗުންނާއި ތަފާތުކޮށް އޭނާއަށް ރެފްރީން ބަލަމުންދާކަމަށެވެ. 

ރެފްރީންގެ ނިންމުމަކާއި ގުޅޭ ގޮތުން ބީބީސީގެ ނޫސްވެރިއަކު ސުވާލުކުރުމުން މޮރީނިއޯ ވަނީ އެ ސުވާލުގެ ޖަވާބު ނުދީ އިންޓަވިއު ނިންމާލާފައެވެ. އޭނާ ބުނީ ފުޓްބޯޅަ ނޭނގޭ މީހަކު މައިކެއް ހިފައިން ސުވާލުކުރާނެކަމެއް ނެތްކަމަށެވެ. 

"ފުޓްބޯޅަ ނޭނގެންޏާ، މައިކެއް އަތަށް ލައިގެން އުޅޭނެކަމެއް ނެތް" މިހެން ބުނެފައި މޮރީނިއޯ އިންޓަވިއު ނިންމާލާފައި ދިޔައީއެވެ.

މޮރީނިއޯ ރުޅިގަދަވެފައި މިވަނީ ރޭގެ މެޗުގައި ރެފްރީ މައިކް ޑީންގެ ނިންމުންތައް ހުރިގޮތުންކަމަށް ވަނީ ބެލެވިފައިއެވެ. ރޭގެ މެޗުން މޮޅުނުވެވުނީ ކީއްވެގެންތޯ އެހުމުން މޮރީނިއޯ ބުނީ، ލަނޑެއް ނުޖަހައި އެއްވެސް މެޗަކުން މޮޅު ނުވާނެކަމަށާއި، ޔުނައިޓެޑް ހުއްޓުވަން ހަލްސިޓީން ބުރަކޮށް މަސައްކަތްކުރިކަމަށެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު މެންޗެސްޓާރ ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ހަ ވަނާގަައެވެ. އެޓީމަށްވުރެ ކުރީގައި ތާވަލްގެ ފަސްވަނާގައި އޮތް ސިޓީއާއި ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.