ޚަބަރު

ތިމާވެށި ކުލަބްތައް ހިންގާނެ ގޮތުގެ ގައިޑްލައިނެއް ނެރެދެއްވައިފި


ސްކޫލްތަކުގައި ހިންގަމުން އަންނަ ތިމާވެށި ކުލަބްތައް ހިންގާނެ ގޮތުގެ ގައިޑްލައިނެއް ނެރެދެއްވައިފިއެވެ. 

މި ގައިޑްލައިން ނެރެދެއްވީ ޢިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ޠާރިގް އިބްރާޙީމެވެ. 

ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސްކޫލް ކުދިންގެ ހޭލުންތެރިކަން އިތުރުކޮށް، މައުލޫމާތު ހިއްޞާ ކުރުމަށް ބޭއްވި ސްކޫލް ކުދިންގެ ޤައުމީ މަހާސިންތާގައި ނިންމި މުހިންމު ކަންތައްތަކަށް ބިނާކޮށް ތައްޔާރު ކުރި ގައިޑްލައިން އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. 

img:http://s1.psmnews.mv/images/660x400/14860092291057.jpg|ސްކޫލްތަކުގެ ތިމާވެށި ކުލަބްތައް ހިންގާނެ ގޮތުގެ ގައިޑްލައިން ނެރެދެއްވުމުގެ ރަސްމިޔާތު - ފޮޓޯ: ޕީއެސްއެމް

2015 ވަނަ އަހަރު ބޭއްވި ސްކޫލްކުދިންގެ ޤައުމީ މަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލުތަކުން 250 ދަރިވަރުން ބައިވެރިވިއެވެ. އެގޮތުން އެ މަހާސިންތާގައި މާލޭގެ 17 ސްކޫލަކުން ބައިވެރިވިއިރު، އަތޮޅުތަކުގެ 24 ސްކޫލަކުން ދަރިވަރުން ބައިވެރިވިއެވެ. 

މި މަހާސިންތާގައި ކޮންމެ ސްކޫލަކުންވެސް އެ ސްކޫލް ނިސްބަތްވާ ރަށް ނުވަތަ އަތޮޅަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި އެކަންކަން ހައްލުކުރަން ކުރާ މަސައްކަތްތައް ބަޔާންކޮށް ޕްރެޒެންޓޭޝަންތަކެއް ހުށަހަޅައި މަޝްވަރާކޮށްފައިވެއެވެ. 

"އެންވަޔަރަމަންޓް ކުލަބް ޤައިޑްލައިން" ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވީ، ތިމާވެށީގެ ދާއިރާއިން ސްކޫލްތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުންގެންދަވާކަމަށެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގައި ކޮންމެ ދަރިވަރެއްގެ ހިއްޞާވެސް ވަރަށް މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14860093092451.jpg|ސްކޫލްތަކުގެ ތިމާވެށި ކުލަބްތައް ހިންގާނެ ގޮތުގެ ގައިޑްލައިން ނެރެދެއްވުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ރަސްމިޔާތުގައި ވާހަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙުމަދު ޝަފީޢު ވިދާޅުވީ ދެމެހެއްޓެނެވި ތިމާވެއްޓެއް ދަރިވަރުންގެ ކިބައިގައި އަށަގެނެވުމަށްޓަކައި، ގިނަ ހަރަކާތްތަކެއް ހިންގަވާފައިވާކަމަށެވެ. އަދި އަލަށް އެކުލަވާލައްވާފައިވާ ޤައުމީ މަންހަޖުގެ މުގައްރަރުގެ ތެރެއިން ތިމާވެއްޓަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. 

އެންމެފަހުން ބޭއްވި މަހާސިންތާގައި 4 ކަމަށް މަޝްވަރާކޮށްފައިވެއެވެ. އެއީ ވޭސްޓް މެނޭޖްމަންޓާއި، ބަޔޯޑައިވަރސިޓީއާއި، އިނޮވޭޝަން އެންޑް ގްރީން ޓެކްނޮލޮޖީއާއި  ކޯސްޓަލް މެނޭޖްމަންޓެވެ. ކޮންމެ 2 އަހަރަކުން އެއް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ ގައުމީ މަހާސިންތާ ދެން ބާއްވާނީ މި އަހަރުގެ ތެރޭގައެވެ.