ޚަބަރު

ކަލައިދޫގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ކުއްޖާ މަރުވެއްޖެ


މިދިޔަ ހޮނިހިރު ދުވަހު ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ކުޑަކުއްޖާ މަރުވެއްޖެއެވެ.

ކަލައިދޫ އިރުމަތީގޭ އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލް މަރުވީ، ވެންޓިލޭޓަރެއްގެ އެހީގައި އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ރޭ ގެ ވަގުތެއްގައެވެ. އެކްސިޑެންޓުގެ ސަބަބުން ވިޝާލްގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޑޮކްޓަރުން ވަނީ އޭނާ ރަނގަޅުވާނެ ކަމުގެ އުއްމީދު މާ ކުރިންވެސް ކަނޑާލާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކަލައިދޫގެ ބޮޑުމަގުގައި ހިނގި މި އެކްސިޑެންޓުގައި ވިޝާލްގެ އިތުރުން އިތުރު ދެ ކުއްޖަކަށްވެސް އަނިޔާވިއެވެ. އުމުރުން 13 އަހަރުގެ މި ދެކުދިންނަށް އެހާ ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާކަމަށް ކަލައިދޫ ކައުންސިލުން ވިދާޅުވެއެވެ.