ވިޔަފާރި

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ޙަރަކާތް އިފްތިތާހްކޮށްފި


އިޖުތިމާޢީ ކަންކަމަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ޙަރަކާތް "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ޕްރޮޖެކްޓާއި،  28 ދުވަހުގެ މައްޗަށް އެކުލަވާލާފައިވާ މުޖުތަމަޢަށް ފައިދާހުރި ކަންކަންކުރުމުގެ ކަލަންޑަރު އިފްތިތާހްކޮށްފިއެވެ. މި ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަން ފަރީހާ ޝަރީފާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބީއެމްއެލްގެ ވޮލަންޓިއަރ ސާވިސްގެ އެވޯޑް ހާސިލްކުރި ހަނޫން މުހައްމަދު އިބްރާހީމެވެ. 

މި ޕްރޮގްރާމަކީ އެކި ދާއިރާތަކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ފެއްޓި ޕްރޮގްރާމެކެވެ. ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ތެރެއިން ކުރިއަށް އޮތް އަށާވީސް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާހުރި އެކިކަންކަން އިފްތިތާހްކުރަން ހަމަޖެހިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. 

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން، ކޮންމެ ރަށެއްގައިވެސް އުމްރާނީ އަދި އިޖްތިމާއީ ނުވަތަ ރަށަށް އަދި މުޖުތަމަޢަށް ކޮށްދޭން ބޭނުންވާ އެހެންވެސް ކަމެއް އޮތްނަމަ އެކަމުގެ ޕްރޮޕޯސަލް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހެޅުމުގެ ފުރުސަތު އެބޭންކުން މިހާރުވަނީ ހުޅުވާލާފައެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ލައިކް ދިނުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުން ހުޅުވާލާނެކަމަށް އެބޭންކުން ބުނެއެވެ. އަދި އެންމެ ގިނައިން ލައިކް ލިބޭ ޕްރޮޕޯސަލަކަށް އެ ޕްރޮޖެކްޓްކުރިއަށް ގެންދިއުމަށް 200،000 ރުފިޔާގެ މާލީ އެހީތެރިކަމެއް އެބޭންކުން ދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަހަރެންގެ ބޭންކް ކެމްޕެއިން އިފްތިތާހްކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ ވަރުބަލިކަމެއް ނެތި ދިވެހިންގެ ބޭނުންތައް ފުއްދައިދެވޭތޯ ކަމުގައެވެ. 

އާންމުންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ދެ އަހަރު ބީއެމްއެލް އިން ވަނީ އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައެވެ. މި އަދަދު މިއަހަރުގެ ތެރޭގައި ދެ ގުނަ ކުރަން ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް ސީއީއޯވަނީ ޢިއުލާންކުރައްވާފައެވެ. ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ޚާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މިއަހަރުގެ ތެރޭގައި 150 އާ ވަޒީފާ އުފައްދާ ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ބީއެމްއެލްގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ޢަދަދަކީ ދުއިސައްތަ ހަތްދިހަ ހާހެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް ޢަދަދެއްގެ ފައިދާއެއްވެއެވެ. އެ ބޭންކްގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 281.8 މިލިއަން ރުފިޔާ އަށް އަރާފައެވެ.