ކުޅިވަރު

"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ލޯންޗް ކޮށްދެއްވައިފި


"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ލޯންޗް ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިމުބާރާތް ލޯންޗް ކޮށްދެއްވީ އެކަމަށްޓަކައި މިރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ލޯގޯއާއި، ޓްރޮފީގެ އިތުރުން މުބާރާތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވަވެސް އެކަމަނާ ވަނީ ލޯންޗް ކޮށްދެއްވާފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވެފައިވާ ރަށްރަށަށް، ބަށިކުޅުމަށް ބޭނުންވާ ސާމާނުގެ ވައުޗަރުވެސްވަނީ ހަވާލްކޮށްދެއްވާފައެވެ. މި މުބާރާތުގެ މެޗުތައް ހޯސްޓްކުރާ ރަށްރަށަށް ސެޓްފިކެޓް ހަވާލްކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. 

"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017" ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުގައެވެ. ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނ.ލަންދޫގައެވެ. މި މުބާރާތުގެ ފުރަތަމަ ބުުރުގެ މެޗްތައް ކުރިއަށްދާނީ މިއަންނަ ފެބްރުއަރީ މަހުގެ 3 އިން 25 އަށެވެ. އަދި މުބާރާތުގެ ދެވަނަ ބުރުގެ މެޗްތައް އޮންނާނީ މާޗް މަހުގެ 7 އިން 31 އަށެވެ. މުބާރާތުގެ ފައިނަލް ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 11 އިން 14 އަށެވެ. މިމުބާރާތުގައި 17 އަތޮޅުން ވާދަކުރެއެވެ.  

މިމުބާރާތް އިންތިޒާމްކުރާ ކޮމެޓީން މަޢުލުމާތުދިން ގޮތުގައި މިމުބާރާތް ކުރިއަށްދާނީ އަތޮޅު މުބާރާތެއް ކުޅުމަށްފަހު، އަތޮޅުތަކުގެ ޗެންޕިއަނުން ޒޯން މުބާރާތުގައި ވާދަކުރާ ގޮތަށެވެ. ޒޯން ތަކުގެ ޗެންޕިއަން ޓީމްތައް ވާދަކުރާބައި ކުރިއަށްދާނީ މާލޭގައެވެ. މިއީ ބަށިބޯޅައިގެ ތާރީޚުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ.