ކުޅިވަރު

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަންނަ މަހުގެ 16ގައި ފަށަނީ


ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ އުމުރުފުރާތަކަކީ 9 އަހަރުންދަށް، 10 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާއެވެ. ޖޫނިއަރ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްދާ މި އުމުރުފުރާތަކުގައި ކުރިއަށްދާނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކެވެ.

މީގެ އިތުރުން މި މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ސިންގަލްސް، ޑަބަލްސް، އަދި މިކްސް ޑަބަލްސް އިވެންޓްކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. 

އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ވެޓެރަންސް ބައިވެސް މި އަހަރު މުބާރާތުގައި ކުރިއަށްދާނެއެވެ. ވެޓެރަންސް ބައިގައި ކުރިއަށްދާނީ ކުރިއަށްދާ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ އަހަރުގެ ފުރަތަމަ މުބާރާތެވެ. އެސޯސިއޭޝަނުން ދާދިފަހުންވަނީ ގައުމީ ޓީމްގެ ސެލެކްޝަން ޓްރަޔަލްސްތަކެއް ބާއްވާފައެވެ. ޓްރަޔަލްސްއިން އަންހެން އެއްވަނަ ހޯދީ އާމިނަތު ޝިއުރާ ޝަރީފެވެ. އަދި ފިރިހެން އެއްވަނަ ހޯދީ މޫސާ މުންސިފް އަހްމަދެވެ.

26ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މި އަހަރު ކުރިއަށްދާނީ މި އަންނަ މަހުގެ ސޯޅައިން އެކާވީހަށެވެ.