ވިޔަފާރި

ސެންޗޫރިއަންގެ ޙިއްޞާ ގިނަ ބަޔަކު ގަނެފި


ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓުކޮށް، ޢާންމުކޮށް ޙިއްޞާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ކަމުގައިވާ ސެންޗޫރިއަންގެ ޙިއްޞާ ގިނަ ބަޔަކު ގަނެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. 

އެކުންފުނިން ބުނީ ކުންފުނީގެ ޙިއްޞާ ވިއްކުމަށް ކަނޑައެޅި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު މާލެއާއި އަތޮޅުތަކުން ބޮޑު ތަރުޙީބެއް ލިބުނުކަމުގައެވެ. އެގޮތުން އެ ކުންފުނީގެ ޓީމުތަކުން ޖުމްލަ 31 ރަށަކަށް ޒިޔާރާތްކޮށް، ޙިއްޞާ ވިއްކުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި އެޖެންޓުން މެދުވެރިކޮށް 12 ރަށެއްގައި އެކުންފުނިން ވަނީ ޙިއްޞާ ވިއްކާފައެވެ. ޙިއްޞާ ގަތް މީހުންގެ އަދަދާ ވިއްކުނު ޙިއްޞާގެ މަޢުލޫމާތު ޢާންމުކުރާނީ އޮޑިޓް ކުރުމަށްފަހުކަމަށް އެކުންފުނިން ބުނެއެވެ.

ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ވިއްކަން ނިންމީ ޙިއްޞާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިއަން ޙިއްޞާއެވެ. އެއީ ކުންފުނީގެ 49 އިންސައްތަ ޙިއްޞާއެވެ.