ކުޅިވަރު

ކުޑަ އައްޔަގެ ހުވަފެން - ވޯލްޑް ޓުއަރގައި ވާދަކުރުން


ކޮންމެ ކުޅިވަރެއްގެވެސް އެންމެ ޝަރަފްވެރި މުބާރާތަކީ އެ ކުޅިވަރެއްގެ ވޯލްޑްކަޕެވެ. ދުނިޔޭގެ އެންމެ މޮޅު ޓީމްތަކާއި ކުޅުންތެރިން ވާދަކުރާ މުބާރާތެވެ. ކޮންމެ ކުޅިވަރު ކުޅުންތެރިއެއްގެވެސް އެންމެ ބޮޑު ހުވަފެނަކަށްވެގެންދާނީ ވޯލްޑްކަޕް ފަދަ ބޮޑު ޝަރަފްވެރި މުބާރާތެއްގައި ވާދަކުރުމެވެ.

ސާރފިންގ އާއި ބޮޑީބޯޑިންގއަށް ބަލާލާއިރު، ދުނިޔޭގެ އެންމެ މޮޅު ސާފަރުންނާއި، ބޮޑީބޯޑަރުން ވާދަކުރާ އެންމެ ބޮޑު މުބާރާތަކީ ވޯލްޑް ޓުއަރއެވެ. ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާންގެ ހުވަފެނަކީވެސް ބޮޑީބޯޑިންގ ވޯލްޑް ޓުއަރގައި ވާދަކުރުމެވެ.

އެސޯސިއޭޝަން ފޯ ޕްރޮފެޝަނަލް ބޮޑީބޯޑާރސްއިން އިންތިޒާމްކުރާ ބޮޑީބޯޑިންގ ވޯލްޑް ޓުއަރއަކީ ދުނިޔޭގެ އެންމެ މޮޅު ބޮޑީބޯޑަރުން ވާދަކުރާ މުބާރާތެވެ. މި މުބާރާތަށް އަމާޒު ހިފާފައިވާ އަލީ ޚުޝްރުވާން (ކުޑައައްޔަ) ބުނީ އޭނާއަށް ބައިނަލްއަޤްވާމީ ގިނަ ކާމިޔާބީތައް ލިބިއްޖެކަމަށާއި، ވޯލްޑް ޓުއަރގައި ބައިވެރިވުމަކީ ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ. ވޯލްޑް ޓުއަރއަށް ކޮލިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ޓްރަޔަލްސްތަކެއްގައި ވާދަކޮށްގެންގެ ކޮލިފައިވެގެންކަމަށާއި، ޓްރަޔަލްސް ފަހަނައަޅައި ކުރިއަށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު އަބަދުވެސް އެންމެ ބޭނުންވަނީ ވޯލްޑް ޓުއަރގައި ވާދަކުރަން، އެހިސާބަށް ދެވޭނަކަމަށް މި ބަލަނީ"

img:http://s1.psmnews.mv/images/660x400/14858406481784.jpg|މިދިޔަ އަހަރު މެލޭޝިޔާގެ މުބާރާތެއްގައި ކުޑަ އައްޔަ ވާދަކުރަނީ / ފޮޓޯ : އެމްބީބީއޭ

ޚުޝްރުވާންއަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި މީގެކުރިންވެސް ވާދަކޮށް ރަންވަނަތަކެއް ހޯދާފައިވާ ބޮޑީބޯޑަރެކެވެ. އެންމެ ފަހުން އޭނާ ވާދަކޮށްފައިވަނީ މެލޭޝިއާގެ ކުއަންޓަންގައި ކުރިއަށްދިޔަ 'ބޮޑީބޯޑިންގ އެޓޭކް 2016' ގައެވެ. މި މުބާރާތުގައި އޭނާ ވާދަކުރި ދެ ޑިވިޝަނުންވެސް ކުޑަ އައްޔަވަނީ އެއްވަނަ ހޯދާފައެވެ. މެލޭޝިއާގައި ކުރިއަށްދިޔަ 'ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން ޓޯނަމެންޓް 2016'ގެ ބޮޑީބޯޑްގ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ވަނީ ހޯދާފައެވެ.

ކުޑަ އައްޔަގެ ބޮޑީބޯޑިންގ ކެރިއަރުގައި އޭނާ އެންމެ ފާހަގަކުރާ ކާމިޔާބީއަކީ މޯލްޑިވްސް އޯޕަން 2015ގެ ބޮޑީބޯޑްގ ބައިގެ ޗެމްޕިއަންކަން ހޯދުމެވެ.

މީގެ އިތުރުން މެލޭޝިއާގައި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ބޭއްވި މޮންސޫން މޭހަމް އިންޓަނޭޝަނަލް ސާފިން ޗެލެންޖާއި 2015 ވަނަ އަހަރު މެލޭޝިޔާގައި އޮތް ޓިއަމަން ފެސްޓިވަލްގެވެސް ބޮޑީބޯޑިންގ އިވެންޓްގެ ރަންވަނަތައް ހޯދީ ކުޑަ އައްޔައެވެ.

img:http://s3.psmnews.mv/images/660x400/14858407775304.jpg|މޯލްޑިވްސް އޯޕަން 2015ގެ ބޮޑީބޯޑިންގ އިވެންޓްގެ އެއްވަނަ ހޯދި ކުޑަ އައްޔަ / ފޮޓޯ : ކުޑަ އައްޔަ އެފްބީ

މިހާރު ކުޑަ އައްޔަގެ އަމާޒު ހުރީ ދުނިޔޭގެ އެންމެ މޮޅު ބޮޑީބޯޑަރުން އުފެދިފައިވާ އެއް ޤައުމުކަމަށްވާ އޮސްޓްރޭލިޔާއަށެވެ. މިއަހަރު އޮސްޓްރޭލިޔާގައި އޮންނަ މުބާރާތަކަށް ކުޑަ އައްޔަ ތައްޔާރުވަމުންދަނީ ވަރަށް ބޮޑު އުއްމީދަކާއިއެކުގައެވެ. މިފަދަ ބޮޑެތި މުބާރާތްތަކުގައި ކުޑަ އައްޔަ ވާދަކުރަނީ ގިނަ ބައެއްގެ އެހީތެރިކަމައިއެކުގައެވެ. މިފަހަރުވެސް މި މުބާރާތުގައި ވާދަކުރަން އޭނާއަށް ގިނަ ބައެއްގެ އެހީ ލިބޭނެކަމަށް ކުޑަ އައްޔަ އުއްމީދުކުރެއެވެ. މުބާރާތުގައި ވާދަކުރަން ދެވިއްޖެނަމަ އޭނާގެ އަމާޒަކީ އެއްވަނައާއިއެކު ދިވެހި ޤައުމަށް އެނބުރި އައުމެވެ.

"މިހާރު ތައްޔާރުމިވަނީ އޮސްޓްރޭލިޔާގެ މުބާރާތަކަށް، ވަރަށް މަސައްކަތް އެބަކުރަން، މުބާރާތްތަކުގައި ވާދަކުރަން އަސްލު ފަންޑްސް ނުލިބޭތީ މައްސަލައަކީ، ފަންޑްސް ލިބޭނަމަ ވޯލްޑް ޓުއަރގައިވެސް ބައިވެރިވެވޭނެ. އެ ދުވަހަށް މި އިންތިޒާރުކުރަނީ"

ކުޑަ އައްޔަގެ ކާމިޔާބީތައް ހާސިލްވެފައިވަނީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުންނެވެ. ގިނަ ބައެއްގެ އެހީތެރިކަމާއިއެކުގައެވެ. ވަކިވަކިން ނަންތައް ފާހަގަނުކުރިކަމުގައިވިޔަސް އޭނާގެ ކެރިއަރުގައި އެކިގޮތްގޮތުން އެހީތެރިވި، އަދި ވަމުންދާ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރިއެވެ. ބޮޑީބޯޑިންގ ވޯލްޑް ޓުއަރއަށް އުއްމީދުކޮށްގެން ހުރި ކުޑަ އައްޔައަށް ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން ކާމިޔާބަށް އެދެމެވެ.