ޚަބަރު

ހެއްކާ ބެހޭ ބިލެއް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަނީ


ހެއްކާ ބެހޭ ބިލެއް އެކުލަވާލާ މި ފެށޭ ރައްޔިތުން މަޖިލީހުގެ އައު ދައުރަށް ހުށައަޅުއްވާނެކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ހެއްކާ ބެހޭ ބިލް މިހާރު ޑްރާފްޓް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ހެއްކާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާ ފާސްކުރެއްވުމުގެ ބޭނުމަކީ ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް އެ ނިޒާމާ ދޭތެރޭ ޢާންމުންގެ އިތުބާރު ޤާއިމްކުރެއްވުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސްގެ އައު ދައުރުގައި ހެއްކާ ބެހޭ އާ ބިލެއް ސަރުކާރުން ހުށަހަޅާނަން. އެއީވެސް މިކަންކަން {ޖިނާޢީ ޢަދުލުގެ ނިޒާމާއި ޤާނޫނީ ނިޒާމް} ހަރުދަނާ ކުރެއްވުމަށް ސަރުކާރު ކުރާ މަސައްކަތްތައް،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ހެއްކާ ބެހޭ އައު ޤާނޫނެއް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު 17ވަނަ ރައްޔިތުންގެ މަޖިލީހަށް ހެއްކާ ބެހޭ ބިލެއް ސަރުކާރުން ހުށައަޅުއްވާފައިވެއެވެ. އެހެންނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ބިލްގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދަވާފައި ނުވުމުން އެ ބިލް ވާނީ ބާތިލުވެފައެވެ. 

ރައްޔިތުން މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން މަޖިލީހަށް ބިލެއް ހުށައެޅި އެ ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގެ ދައުރު ހަމަވާއިރު ކޮށްފައިނުވާނަމަ އެ ބިލެއް ބާތިލު ބިލެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.