ޚަބަރު

ޤާނޫނީ ނިޒާމުގެ މައްސަލަތައް ހައްލު ކުރާނަން - އޭޖީ


ރާއްޖޭގެ ޤާނޫނީ ނިޒާމުގައި މައްސަލަތަކެއް އެބަހުރިކަމަށާ، އެކަންކަން ޙައްލު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމްގެ ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް އެޓާނީޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ. 

ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްސަލައިގައި އދ.ގެ ވާކިންގ ގްރޫފުން ނެރުނު ލަފައަށް ދިވެހި ސަރުކާރުން އިޢުތިރާޒްކުރެއްވިކަން އިޢުލާން ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީ 2007ވަނަ އަހަރުގެ ތެރޭގައި ފާސްވެގެން އައިއިރު ޤާނޫނު އަސާސީގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނުކަމަށް އަނިލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ޢަނިލް ވިދާޅުވީ އެކަންކަން ޙައްލު ކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މި ސަރުކާރުން {ރައީސް ޔާމީންގެ ސަރުކާރު} ހަވާލުވިފަހުން 2013ވަނަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން މިދަނީ ރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" އަނިލް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނީ ނިޒާމް ޙަރުދަނާ ކުރެއްވުމަށް މި ސަރުކާރުން މިހާތަނަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވަމުން ބަންޑާރަ ނާއިބު އަނިލް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އައު ޤާނޫނުލް އުޤޫބާތު ފާސްކުރައްވައި އެއަށް ޢަމަލު ކުރައްވަން މިހާރު ފަށްޓަވާފައިވާ ކަމަށެވެ. އަދި އދ. ގެ ވާކިން ގްރޫޕް ފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ފާހަގަކުރާ ގިނަ ކަންތައްތައް ދެފުށް ފެންނަ ގޮތަށް ބައިނަލްއަޤްވާމީ މިންގަޑުތަކާއި އެއްގޮތަށް އޮތުމަށްޓަކައި އޮންނަންޖެހޭ ޢިޖުރާޢަތްތައް ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާން ކުރެވިފައިވާނެ ކަމަށް ވެސް އަނިލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި މަސައްކަތްތައް ފެށިގެންދާއިރު ހެއްކާ ބެހޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅާނަން. އެއީވެސް މިކަންކަން {ޤާނޫނީ ނިޒާމް} ހަރުދަނާ ކުރެއްވުމަށް ކުރެވޭ ކަންކަން" އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ ނިޒާމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށްވާނަމަ އެކަންކަން ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ވަނީ ޖިނާޢީ ޢަދުލުގެ ޤާނޫނެއް ވެސް ފާސްކުރައްވާފައެވެ. ނަމަވެސް އެ ޤާނޫނަށް ޢަމަލު ކުރެއްވުން އަންނަ ޖޫން މަހަށް ވަނީ ފަސްކުރައްވާފައެވެ.