ޓުއަރިޒަމް

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ހުޅުވައިފި


ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި އައިލެންޑް ރިސޯޓް، ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ރަސްމީގޮތުން މިރޭ ހުޅުއްވައިދެއްވައިފިއެވެ. 

ފާދިއްޕޮޅު ހުރަވަޅި އައިލެންޑް ރިސޯޓުގައި ބޭއްވެވި ޚާއްސަ ހަފްލާގައި ރިސޯޓް ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ޚާއްސަ ކުރައްވާފައިވާ ފޮތިގަނޑެއް ކައްސަވާލައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14857919776152.jpg|ހުރަވަޅި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ޗަމްޕާ މުހައްމަދު މޫސާގެ ޙިއްސާ އޮންނަ ޗަމްޕާލާސް ހޯލްޑިންގއިން ތަރައްޤީކޮށްފައިވާ ހުރަވަޅި އައިލެންޑް ރިސޯޓަކީ 60 މޫދު ވިލާ އަދި 30 ބީޗް ވިލާ ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓު ތަރައްޤީކޮށްފައިވަނީ ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށެވެ. މި ގޮތުން ރިސޯޓުގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް ނަގަނީ ރިސޯޓުގެ ބައެއް ޢިމާރާތްތަކާއި ރަށަށް އަރާ ފޭބުމަށް އޮންނަ ޖެޓީ މަތީގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުންނެވެ. މި ޕެނަލްތަކުގައި 930 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ.

ރިސޯޓް ހުޅުއްވައިދެއްވުމަށް ބޭއްވެވި ހަފްލާގައި، އެރިސޯޓުގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުޅުއްވައިދެއްވިއެވެ. 

ހުރަވަޅި ރިސޯޓުގައި ހަދާފައިވާ ކަނޑު އަޑީގެ ރެސްޓޯރެންޓަކީ ކަނޑުގެ 5.8 މީޓަރު އަޑީގައި ހަދާފައިވާ ރެސްޓޯރަންޓެކެވެ. މިއީ 24 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ.