ޚަބަރު

ވޯކިން ގްރޫޕުގެ ލަފަޔަށް ސަރުކާރުން އިޢުތިރާޒް ކުރައްވައިފި


ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްސަލާގައި އދ.ގެ ވޯކިންގ ގްރޫފުން ނެރުނު ލަފަޔަށް ދިވެހި ސަރުކާރުން އިޢުތިރާޒްކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އދގެ ވޯކިންގ ގްރޫޕަށް ރައްދު ދެއްވައި، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ނާޒިމްގެ މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކިއެކި މަރުޙަލާތަކުގައި ކުރިއަށް ގެންދަވާފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި އެކަން ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް ދިވެހި ސަރުކާރުން ނެރުއްވި ބަޔާން ވިދާޅުވަމުން މިނިސްޓަރ ޢާސިމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށްވާއިރު މި މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރުން ގޮވާލަން" މިނިސްޓަރ ޢާސިމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމް ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީގު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައިވެސް މުޙައްމަދު ނާޒިމް ބެހެއްޓިފައިވަނީވެސް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތުގެ މަތިންކަމަށާއި އަދި މިހާތަނަށްވެސް މުޙައްމަދު ނާޒިމް އާބިޓްރަރީ ޑިޓެންޝަންގައި ބަހައްޓާފައިވާކަމަށް ބުނާ އެއްވެސް މައްސަލައެއް ރާއްޖޭގެ އެއްވެސް ކޯޓަކަށް ހުށައަޅާފައި ނުވާކަމަށެވެ. 

"މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާ ކަމަށް ޝަކުވާއެއް އޮތްނަމަ އެކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަން. ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ތެރެއިން އެފަދަ މައްސަލައެއް މުޙައްމަދު ނާޒިމްއަށް ހުށަހެޅުމުގެ ހައްޤާއި ފުރުޞަތު އެފަރާތަށް ލިބިދީފައިވާތީ، ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ބޭނުން ހިފައި، އެގޮތުގެ މަތިން އެ މައްސަލަ ހުށަހެޅުމަށް އެފަރާތަށް ބާރުއެޅުމަށް ދިވެހިސަރުކާރުން އދ. ގެ ވާކިން ގްރޫޕަށް ގޮވާލަން،" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މުޙައްމަދު ނާޒިމްގެ ޝަރީއަތް ކުރިޔަށް ދިޔައީ ޢަދުލު އިންސާފުގެ ހުރިހާ ހަމަތަކާއި އިންޞާފާއި އެއްގޮަތަށް ކަމަށް ބަޔާންކޮށް ދިވެހިސަރުކާރުން ހުށަހަޅާފައިވާ ތަފްޞީލްތަކުގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައި ނުވާ ކަމަށްވެސް ނާޒިމްގެ މައްސަލައިގައި އދ.ގެ ވޯކިންގ ގްރޫފުން ނެރުނު ލަފަޔަށް ދިވެހި ސަރުކާރުން އިޢުތިރާޒްކުރައްވައި ނެރުއްވި ބަޔާން އިއްވައި ދެއްވަމުން ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެ އޮތީ އދގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކާއި އެހެނިހެން ގުނަވަންތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ، ޝަރީޢަތުގެ މަރުޙަލާގެ ތެރެއަށް ސަރުކާރުން އަތް ނުފޯރުވާނެ ކަމަށެވެ.

"އދ.ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކުރާ މަސައްކަތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، އިތުބާރުލިބިގެންވާ، އަދި ޚަބަރުފަތުރާ ވަޞީލަތްތަކުން ފާޅުކުރާ ޝުޢޫރުތަކުން މިނިވަންވެފައިވާ މަސައްކަތްތަކަކަށްވުމަކީ މުހިއްމުކަމެއް،" ސަރުކާރުގެ ބަޔާން އިއްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވިއެވެ.