ޚަބަރު

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަަރުކުރާނަން - ރައީސް


ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުން ނިންމަވާ ކަންކަމާމެދު ބަސްބުނުގެ ޙައްޤު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ބަސްބުނުމަށް ފުރުޞަތު ނުދިނުމުގެ ޞިޔާސަތަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ކަރާމަތާއި ޞިޔާދަތު ކަށަވަރު ކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުޢީ ކޯޓްތަކުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންކަމަށް ވިދާޅުވެ، އެފަދަ ނިންމުންތަކަށް ފާޑު ކިޔުމުގެ އިޚްތިޔާރު އދ. އަށްވެސް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ވޯކިން ގްރޫޕަކުން ދާދިފަހުން ރާއްޖޭގެ ޝަރުޢީ ކޯޓަކުން ނިންމެވި ނިންމެވުމަކަށް ގޮންޖަހައި ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ ނިންމުމަކަށް ދިވެހި ދައުލަތުން ތަބާވާން ނުޖެހޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޝަރަފާއި، ޢިއްޒަތާއި، ކަރާމާތް ރައްކާތެރިކުރެވިގެންވާ ޙާލު ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް މިއީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްގަދަކޮށް ދާޚިލީ މަސްރަޙާމެދު ބަސްބުނުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ދެވޭ ދަޢުވަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤާއިމުވެފައިވަނީ 3 ބާރުވަކިވެފައިވާ ރިޔާސީ ވެރިކަމެއްކަމުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޙައިޞިއްޔަތުން 3 ބާރު، އެއްބާރު އެނެއްބާރުގެ ނުފޫޒުން އެއްކިބާވެގެންވާކަން ކަށަވަރު ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއްކަމުން ޝަރުޢީ، އަދި ޤާނޫނުހަދާ ބާރުން ނިންމާ ކަންކަމާ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަމެއް ނޯންނޭކަން އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފަރާތްތަކުންވެސް ޤަބޫލުކޮށް ދެނެގަންނަން ވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ތިބޭފުޅުންނަށް ކަށަވަރުކޮށް އަރުވަން ބޭނުންވަނީ، އެހެން ސަރުކާރުތަކާ ޚިލާފަށް މިސަރުކާރުން ކުރާ ކޮންމެ ކަމަކީ ޤާނޫނާއި ޝަރިއްޔަތުގެ ޙުކޫމަތުގެ ތެރެއިން ކުރާ ކަންކަމޭ." ރައީސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިދައުލަތުގެ ކަރާމަތާއި ޞިޔާދަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެންމެހައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.