ޚަބަރު

ޖެންޑަރ މިނިސްޓްރީން ސައިން ލެންގުއޭޖް ބޭސިކް ކޯހެއް ފަށްޓަވައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ގެއާއި، ގެއިން ބޭރުން ލިބޭ އަނިޔާއާ ގުޅޭ ރިޕޯޓްތައް ފަހަކަށް އައިސް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވެދިޔަ ހަތަރު މަސްދުވަހަށް އެކަނިވެސް މިފަދަ ސާޅީސް މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކަން ދިނުމަށްޓަކައި މިފަދަ ޢަމަލުތައް ދެނެގަތުމާއެކު މިފަދަ މީހުންނަށް އެހީތެރިވެދެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރއިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރު އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެއްވަނީ، ރައްކާތެރިކަމަށް އެދި އެމިނިސްޓްރީއަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި ޙަރަކާތްތެރިވާ ސޯޝަލް ވޯކަރުން ތަމްރީނުކުރެއްވުމުގެ މަސައްކަތެވެ. 

މިމަސައްކަތުގެ ދަށުން އިއްޔެ ވަނީ، އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތުކުރުމުގެ ބަހުރުވަ ނުވަތަ ސައިން ލެންގުއޭޖުގެ ބޭސިކް ޕްރޮގްރާމެއް ފަށްޓަވާފައެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ފެއްޓެވި މި ޕްރޮގްރާމް ތިން ބުރަކަށް ބައްސަވަލައްވައިގެން ކުރިޔަށް ގެންދަވާއިރު، ފުރަތަމަ ބުރު ޚާއްޞަކުރައްވާފައިވަނީ ސޯޝަލް ވޯކަރުންނަށެވެ. 

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ދެއްވަމުން ގެންދަވާ ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުއްވާލައްވާފައިވާކަމަށެވެ. 

"ފުރަތަމަ ބެޗު ސޯޝަލް ވޯކަރުންނަށް ޚާއްޞަކުރި ނަމަވެސް، ތިން ބެޗުގަ މިނިސްޓްރީގެ ފަންސާހެއްހާ މުއައްޒަފުން ބައިވެރިވާނެ. ދެވަނަ ބެޗުގައި ފުރުޞަތު ދޭނަން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންވެސްޓިގޭޓިވް އޮފިސަރުންނަށް. ހަމަ އެއާއެކު،މިދިޔަ މަހު ފެނަައިން ނުކުޅެދުންތެރިކަން ހުންނަ ސަތޭކަައަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާ ދީފައިވާތީ، ފެނަކައިގެ ބޭފުޅުންނަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުދޭން ވަނީ ނިންމާފައި. އުންމީދަކީ ސަރުކާރުގެ އެހެން އޮފީސްތަކާއި ކުންފުނިތަކުން ވެސް ކުރިޔަށް އޮތް ތާނގައި މިފަދަ ކަންކަން ކުރިޔަށް ގެންގޮސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ދިވެހި މުޖުތަމަޢުގައި އިތުުރުކުރުން"  ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

ދެހަފްތާގެ މި ކޯހުގައި ކިޔަވައިދެއްވަނީ ސައިން ލޭންގުއޭޖް ކިޔަވައިދެއްވުމުގެ ރޮނގުން މަޝްހޫރު އިންޓަރޕްރިޓަރ މަރިޔަމް ފަޒްނީއެެވެ. ފަޒްނީ ވިދާޅުވީ، މިކޯސް ފަރުމާކުރައްވާފައިވަނީ، އަޑުއިވުމުގެ ނުކުޅެދިފައިވާ މީހުންނާއި އާދައިގެ ގޮތަކަށް މުޢާމަލާތުކުރެވޭނޭ ގޮތަކަށް ކަމަށެވެ. އެގޮތުން އާދައިގެ ދިރިއުޅުމުގައި އެފަދަ މީހުންނާ މުޢާމަލާތުކުރުމުގައި ބޭނުންކުރާ ބަސްތަކާއި، ކަންކަމަށް އެދޭއިރު ބޭނުންކުރާ ބަސްމަގު ސައިން ލޭންގުއޭޖުން ބުނެދެވޭ ވަރަށް މި ކޯހުގައި ކިޔަވައިދެއްވާނޭކަމަށް ފަޒްނީ ވިދާޅުވިއެވެ.

އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމުން، މީގެ ކުރިން، އެފަދަ މައްސަލަތައް ކުރިޔަށް ގެންދަވަނީ ސައިންލޭންގުއޭޖް ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ. ނަމަވެސް މިފެއްޓެވި ކޯހާއެކު، ޖެންޑަރ މިނިސްޓްރީގެ ހުރިހައި މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދެއްވުމުން، މިކަމަށް ކުރައްވަންޖެހިވަޑައިގަންނަވަ ހޭދަ ކުޑަވެ، މައްސަލަތައް ބެއްލެވުމުގައި އިތުރަށް ލުއިފަސޭހަވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.