ޚަބަރު

ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ


ގދ.ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ މަހު ނިމޭނެކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވެއްޖެއެވެ. 

މިއީ، 1200 އަކަފޫޓުގެ ސަރަޙައްދެކެވެ. އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ގދ.ގައްދޫ ހުޅަނގުދެކުނު ފަރާތާއި، އިރުއުތުރު ފަރާތުގެ ގޮނޑުދޮށް އާދާޔާ ޚިލާފަތް ގިރަމުންދާތީ، އެސަރަޙައްދު ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢު ސަރުކާރުން ފަށްޓަވާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ގައްދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ އިސްމާޢީލް ޝަމީމް ވިދާޅުވީ، ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަސައްކަތުގެ ހަތްދިހަ ފަހެއް އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ، ރިވެޓްމެންޓުގެ އެތެރެ ފަރާތުގެ ކާނު ހެދުމުގެ މަސައްކަތާއި، މަތީ ފަށަލައިގެ މަސައްކަތްކަމަށް ޝަމީމް ވިދާޅުވިއެވެ. 

ގައްދޫ ކައުންސިލުން ވިދާޅުވީ، ގޮނޑޮދޮށް ޙިމާޔަތްކުރުމަށް ސަރުކާރުން މި ހިންގަވާ މަޝްރޫޢާއެކު ރަށުގެ އަތިރިމަތީ ސަރަޙައްދުން 200 ފޫޓުގެ ބިން ހިއްކަވާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ކުރިޔާ ޚިލާފަށް އެސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ގެތަކުގެ ފެން މީރުފެނަށް ބަދަލު ވެގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކޮށްމެ އަހަރެއްގެ ޖޫން، ޖުލައިގެ ތެރޭގައި އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް މާލީގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ކައުންސިލުގެ ޒިންމާދާރުވެރިޔާ އިސްމާޢީލް ޝަމީމް ވިދާޅުވިއެވެ. 

ގދ.ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢު ފެއްޓެވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.