ޚަބަރު

އާކުގެ އެމްބެސެޑަރުންގެ ގޮތުގައި 4 ފަރާތެއް ކަނޑައަޅައިފި


ކުޑަކުދިންގެ ލާބައަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އާކުގެ މަސައްކަތް ފުޅާކުރުމަށް އެމްބެސެޑަރުންގެ ގޮތުގައި ހަތަރު ފަރާތެއް ކަނޑައަޅައިފިއެވެ. އެއީ އިވެންޓް މޯލްޑިވްސް، ކައިމޫ ޓްރެވަލް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް، ބްލަކް ޕްރައިވެޓް ލިމިޓެޑް އަދި ޕްރިންޓް ލެބްއެވެ. މި ފަރާތްތަކާއި އާކާ ދެމެދު މިކަމުގެ އެމްއޯޔޫގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިކަން އޮތީ މިއަދު ހަވީރު ކުރުނބާ މޯލްޑިވްސްގައެވެ. މީގެ އިތުރުން ދެ ފޮޓޯގްރާފަރަކާއެކުވެސް މިއަދު ސޮއިކޮށްފައިވެއެވެ.

އެ ޖަމްޢިއްޔާގެ އެކްޓިންގ އެގްޒެކްޓިވް ޑިރެކްޓަރ ޒީނާ ޒާހިދު މި ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖޭގައި ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިހާރު ޑްރާޕްޓްކޮށްފައިވާ ޤާނޫނުތައް ފާސްކޮށްދިނުމަށް އެޖަމްޢިއްޔާއިން އެދޭކަމަށެވެ. އަދި އެ ޤާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންފައިވާ ދައުލަތުގެ މުއައްސަސާތަކަށް ބަޖެޓްގެ ތެރެއިން އިތުރު އެހީ ލިބެންޖެހޭކަމަށް ޒީނާ ވިދާޅުވިއެވެ.

އެ ޖަމްޢިއްޔާއަށް އެހީވެދޭނެ ކޯޕަރޭޓް އެމްބެސެޑަރުން ހަމަޖެއްސުމަށް ކުރާ މަސައްކަތުގައި އެމްބެސެޑަރުންގެ ގޮތުގައި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން އިތުރުކުރުމަށް ދެހާސް ތޭރަވަނަ އަހަރުން ފެށިގެން އެޖަމާޢަތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޯޕަރޭޓް އެމްބެސެޑަރޝިޕް ޕްރޮގްރާމް ހިންގަން ފެށުމުން އެކި ފަރާތްތަކުގެ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ލިބެމުން އަންނަކަން އާކުން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރު އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.

ކުޑަކުދިންނަށް އަނިޔާކުރުމާއި އިހުމާލުވުން ހުއްޓުވުމަށާއި، އެކުދިންނަށް އޯގާތެރިކަމާއި އަޅާލުން ދިނުން، މަޤްޞަދެއްކަމަށް ކަނޑައަޅައި ދެހާސް ނުވަވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ އާކުން މިދިޔަ އަހަރު ވަނީ މާލޭ ސަރަޙައްދާއި ރާއްޖޭގެ ނުވަ އަތޮޅެއްގެ ތިރީސް ފަސް ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ހިންގާފައެވެ.