ޚަބަރު

"ހުރިހާ ކައުންސިލަކުންވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ"


ތަރައްޤީއަކީ ވަކި ސިޔާސީ ކުލައަކަށް އޮންނަ އެއްޗެއް ނޫންކަމަށާއި ކޮންމެ ސިޔާސީ ފިކުރަކަށް ތާޢިދުކުރާ ކައުންސިލެއް އޮތް ނަމަވެސް، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ ސިޔާސީ ވަކި ފިކުރަކަށް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ހޯދައިދެއްވުމަށާއި، ޤައުމުގެ އިޤްތިޞާދާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް، ބައެއް ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން، އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، މުވައްސަސާތަކާ ދެމެދު އޮންނަޖެހޭ ގުޅުން، އެހާ ހަރުދަނާ ނުވުމުގެ ސަބަބުން، ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށްރަށަށް ގެނެއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ޢާރިފް ވިދާޅުވިއެވެ. 

ޢާރިފް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރަކަށް ތާއިދުކުރާ ބައެއް ނަމަވެސް ތަރައްޤީ ބޭނުންވާނެކަމަށާއި، ސަރުކާރުންވެސް މަސައްކަތް ކުރައްވަމުން ދަނީ އެ ވިސްނުންފުޅުގައި ކަމަށެވެ. އެހެންކަމުން ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނެއުމުގައި، ސަރުކާރާއި، ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން، އަދި ކައުންސިލްތަކާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރަންޖެހޭ ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދެއްވަންޖެހޭނެކަމަށް ޢާރިފް ވިދާޅުވިއެވެ.

" ކޮންމެ ފިކުރެއްގެ ކައުންސިލަރުން ތިއްބެވިކަމުގައި ވިޔަސް، ރައްޔިތުންވެސް ބޭނުންވާނީ އެބޭފުޅުންގެ ފަރާތުން އެއްބާރުލުމާއެކު، އެރަކަށް ތަރައްޤީ ހޯދުން ސަރުކާރާއި ގުޅިގެން. އެހެންވީމަ، ކުރިއަށްއޮތީ ލޯކަލް ކައުންސިލް އިންތިޚާބުކަމުން، އަޅުގަނޑު ހަމަ އުއްމީދުކުރަން ދެން އަންނަ ކައުންސިލަކުންވެސް އަޅުގަނޑުމެންގެ މި ނަސޭހަތް ބަލައިގަންނާނެކަމަށް. އަދި ރައްޔިތުންނާއެކުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވައިގެން ރަށަށް ލިބެންހުރި ތަރައްޤީ ހޯދުމުގައި އާނ ބަސްބުނެ، ބާރުލާފައި މަސައްކަތްކުރުމަށް އަޅުގަނޑު ހަމަ އިލްތިމާސްކުރަން" އާރިފް ވިދާޅުވިއެވެ.