ޚަބަރު

ފަސްޓް ރެންސްޕޮންސް ވޯކްޝޮޕެއް އައްޑޫގައި ފަށްޓަވައިފި


އައްޑޫ ސިޓީގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ބަލިމީހުންނަށް ފުރަތަމަ އެހީ ދޭނެގޮތް ނުވަތަ ފަސްޓް ރެންސްޕޮންސް މަސައްކަތު ބައްދަލުވުމެއް އައްޑޫ ސިޓީގައި ފަށްޓަވައިފިއެވެ.

އެމެރިކާ އެމްބަސީއާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، އެމްއެންޑީއެފް، އަދި ދިވެހި ރެޑްކުރެސެންޓް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވަނީ އެ ދެކުނު ސަރަޙައްދުގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންނަށާއި، އެމްބިއުލާންސް އަދި ސީ އެމްބިއުލާންސް ޑްރައިވަރުންނަށެވެ. މިއީ ބަލިމީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތާއި، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭނެ ފަރުވާއާއި ގުޅޭ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކޮށް ޢަމަލީ ތަޖުރިބާ ދެއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ، އެމެރިކާ ތަޖުރިބާކާރުންނާއި، އެމްއެންޑީއެފްގެ ބޭފުޅުންނެވެ.

މިއީ 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މީގެ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެއް ކަމަށާއި 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.